17 Jan 2016, 19:24
އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ މިއަދު ހެނދުނު ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ.
ސްވަޔާގެ ޒިޔާރަތުގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް ޔާމީނާ ދެބޭފުޅުން މަޝްވަރާކުރެއްވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ދެގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ސްވަޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ " ކަންބޮޑުވުންތަކާއި ފުރުސަތު ތަކާ ބެހޭ ގޮތުން،" ރައީސް ޔާމީނާ ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށެވެ.
ސްވަޔާ ރައީސް ޔާމީނު އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި އޭނާއާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.