17 Jan 2016, 18:21
އުމްރާނީ އޮނިގަނޑު ފުޅާކުރާވަރަކަށް މާލީ ނުރައްކާ އަންނަނީ ބޮޑުވަމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
ރާއްޖޭގެ އިގްތިޞާދު ރިވިއުކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފުދުން މިއަދު މަރުކަޒީ ބޭންކްގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިޝަންގެ ހެޑް އެލިސަން ސްޓުއަޓް ވިދާޅުވީ، މިއަހަރުގެ ބަޖެޓަކީ އިތުރަށް ހަރަދުބޮޑުވެގެންދާ ބަޖެޓެއް ކަމަށާއި އުމްރާނީ އޮނިގަނޑު ބިނާކުރުމުގެ ސަބަބުން މާލީ ނުރައްކާ އަންނަނީ ބޮޑުވަމުން ކަމަށެވެ.
"އުމްރާނީ އޮނިގަނޑު ބިނާކުރުމަށް ކުރާ މަސައްކަތް ފުޅާ ކުރުމުން ފިސްކަލް ރިސްކް( މާލީ ރިސްކް) އަންނަނީ ފާހަގަ ކުރެވޭ ވަރަށް ބޮޑުވަމުން. 2016 ވަނަ އަހަރުގެ ބަޖެޓަކީ އިތުރަށް ހަރަދުބޮޑުވާ ގޮތަށް އޮތް ބަޖެޓެއް. އެ ބަޖެޓްގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ދަރަންޏަށް ހޯދުމަށް ހިމަނާފައި ވޭ. އެއީ މިހާރު ވެސް އޮތް ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމެއް،" ސްޓުއަޓް ވިދާޅުވިއެވެ.
މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން ސަރުކާރަށް ލަފާދީފައިވާނެ ކަމަށް ސްޓުއަޓް ވިދާޅުވިއެވެ. ބުރިޖު އެޅުމާއެކު އެބުރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީނެގުންފަދަ ލަފާތައް ސަރުކާރަށް ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޓެކްސް ނިޒާމަށް ތައުރީފްކޮށް އޭނާ ވިދާޅުވީ އެނިޒާމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވިދާނެ ކަމަށެވެ. އެގޮތުން އިތުރަށް ޓެކްސްނަގާނެ މިންގަނޑެއް ގެންގުޅުމަށް ލަފާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދުގައި ހުރި ކަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދަށްވުމަކީ ލިބުނު ހައިރާން ކަމެއް ކަމަށާއި ނަމަވެސް މިއަހަރުގެ "ވިޒިޓް މޯލްޑިވްސް" ކެމްޕެއިނާއެކު ޓޫރިޒަމް ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ޗައިނާގެ އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއި ޔޫއެސް ޑޮލަރުގެ އަގު ޔޫރޯ އާއި އަޅާބަލާއިރު މަތިވުމުން ޔޫރަޕުގެ މާކެޓަށް އަސަރުކުރާނެކަމަށް ސްޓުއަޓް ވިދާޅުވިއެވެ.