17 Jan 2016, 16:09
ދިވެހި ނޫސްވެރިންނަށް އަމާޒުކޮށްގެން ސައިރިކްސް ކޮލެޖުން ދެ ދުވަހުގެ ރިފްރެޝާ ވޯކްޝޮޕެއް ފަށައިފި އެވެ.
ސައިރިކްސް ކޮލެޖުން މިއަދު ފެށި ވޯކްޝޮޕަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
މުޖުތަމައުގައި ނޫސްވެރިންގެ ދައުރު އިތުރަށް ހަރުދަނާކޮށް، ނޫސްވެރިންނަށް ލިބިފައިވާ ތަމްރީނާއި މައުލޫމާތު އިތުރު ކުރުމުގެ މަގްސަދުގައި ސައިރިކްސް އިން ފެށި ވޯކްޝޮޕްގައި ދިވެހި 10 ނޫސްވެރިޔަކު ވަނީ ބައިވެރިވެފަ އެވެ.

ސައިރިކްސް ކޮލެޖުން ނޫސްވެރިންނަށް އަމާޒުކޮށްގެން ފެށި ރިފްރެޝަރ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: ސައިރިކްސް ކޮލެޖް
މި ވޯކްޝޮޕްގައި އިންސާނީ ހައްގުތަކާއި ދިރާސާ ކުރުމާއި މުއާމަލާތް ކުރުމުގެ އިތުރުން ސޯޝިއޮލޮޖީ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އިރު، ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ކަމާ ގުޅޭ ފަންނީ ތަޖުރިބަކާރުންނެވެ.
ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓާ އަހްމަދު ޝާހިދު ވަނީ މުޖުތަމައު ބިނާކުރުމުގައި ނޫސްވެރިންނާއި މީޑިއާ އެއްގެ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.