17 Jan 2016, 16:43
ތެހެރާން (ޖަނަވަރީ 17) : އީރާނުގެ ގައުމީ އެއަލައިންއަށް ބޭނުންވާ 114 މަތިންދާބޯޓު ގަތުމަށްޓަކައި ޔޫރަޕްގެ އައަރބަސް ކުންފުންޏާ ކުރަމުން ގެންދާ މަޝްވަރާތައް ނިމުމުގެ މަގުމަތީގައިވާކަން އީރާނުން ހާމަކޮށްފި އެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އެމެރިކާއާއި ޔޫރަޕުން އިއުލާންކޮށްފައިވާތީ ޔޫރަޕްގެ އެއަބަސް މަރުކާގެ ބޯޓުތައް ވެސް އަދި އެމެރިކާގެ ބޮއިންގް މަރުކާގެ ބޯޓުތައް ގަތުމުގެ ފުރްސަތު ވެސް އީރާނަށް މިހާރު ވަނީ ތަނަވަސްވެފަ އެވެ. އީރާނުގެ ގައުމީ އެއަލައިންއަށް ބޭނުންވާ 114 މަތިންދާބޯޓު ގަތުމުގެ ވާހަކަތައް އެއަބަސް ކުންފުންޏާ އެކު ދައްކަމުން ގެންދާތާ މިހާރު ވަނީ ދެތިންމަސްވެފަ އެވެ.
އީރާނުގެ ޓްރާންސްޕޯޓް މިނިސްޓަރު އައްބާސް އަޚްވަންދީ ވިދާޅުވީ އެކި ސައިޒުގެ 114 މަތިންދާބޯޓު ގަތުމަށް އެއަބަސް ކުންފުންޏާ މަޝްވަރާ ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އެމެރިކާވަނީ އެގައުމުން ހިފަހައްޓާފައިވާ އީރާނުގެ 150 ބިލިޔަން ޑޮލަރުގެ ތެރެއިން 90 ވަރަކަށް ބިލިޔަން ޑޮލަރު އީރާނަށް ދިނުމަށް ނިންމާފަ އެވެ. ނަމަވެސް ދޫކުރާ ފައިސާގެ ފައިނަލް އަދަދު އަދި އެމެރިކާ ރަސްމީގޮތުން އިޢުލާން ކޮށްފައެއް ނުވެ އެވެ.
އީރާނަކީ 80 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކަށްވާ އިރު އެގައުމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން މަދަނީ މަތިންދާބޯޓުތައް ވިއްކުން މަނާކޮށްފައިވާތާ ވަނީ 36 އަހަރުވެފަ އެވެ. މި މުއްދަތުގައި އީރާން ބޭނުންކުރަމުން ގެންދަނީ އެގައުމުން ކުރިން އެމެރިކާއިންނާއި ޔޫރަޕުން ގަނެފައިވާ މަތިންދާބޯޓުތަކާ އަދި ފަހުން ރަޝިޔާ އިން ގަނެފައިވާ މަދަނީ މަތިންދާބޯޓުތަކެވެ. މީގެ އިތުރުން އީރާނުގައި އުފައްދާ 115 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓުތައް ވެސް އެ ގައުމުގެ ގައުމީ އެއަލައިންގައި ބޭނުން ކުރަމުން ގެންދެ އެވެ. އެމެރިކާއާއި ޔޫރަޕުން މަދަނީ މަތިންދާބޯޓުތައް ވިއްކުން މަނާކޮށްފައިވާތާ 36 އަހަރުވެފައިވާތީ އީރާނުގެ ގައުމީ އެއަރލައިންގެ މަތިންދާބޯޓުތައްވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.
މިބޯޓުތައް އައު ބޯޓުތަކަށް ބަދަލުކުރުމަށާއި އީރާނުގެ ވައިގެ ދަތުރުފަތުރުތައް އިތުރުކޮށް ފުޅާކުރުމަށް ޓަކައި އިތުރަށް އެކި ސައިޒްގެ 400 މަތިންދާޓު ބޭނުންވާނެ ކަމަށް އީރާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން އަންދާޒާ ކޮށްފައިވެ އެވެ. މިބޯޓުތައް ގަތުމަށް އީރާން ރާވާފައި ވަނީ މަރުޙަލާތަކަކަށް ބަހާލައިގެން 10 އަހަރު ތެރޭގައެވެ. ނަމަވެސް އީރާނަށް އަވަސްގޮތުގައި ބޭނުންވާ 114 މަތިންދާބޯޓު ކުރިޔަށްއޮތް ތިން އަހަރު ތެރޭގައި ހޯދުމަށް އެގައުމުންވަނީ ނިންމާފައެވެ. މި 114 މަތިންދާބޯޓު އެއަރބަސް ކުންފުނިން ގަތުމަށް 20 ބިލިޔަން އެމެރިކާ ޑޮލަރާއި 22 މިލިޔަން އެމެރިކާ ޑޮލަރުގެ އަދަދަކަށް ފައިސާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. (ނޫސްއެޖެންސީތައް)