17 Jan 2016, 16:06
ޖައްވުގައި ގާއިމްކޮށްފައި ހުންނަ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގައި އިންދި މާގަހަކުން ފުރަތަމަ ފަހަރަށް މަލެއް ފޮޅިއްޖެ އެވެ.
އެމެރިކާގެ ހުޅަނގު ދެކުނުން ފެންނަ އޮރެންޖު ކުލައިގެ ޒިނިއާ ނަމަކަށް ކިޔާ އެ މާ ޖައްވީ ސްޓޭޝަނުގައި ފޮޅިފައިވާ ކަން އިއުލާންކޮށްފައި ވަނީ، ސްޓޭޝަންގައި މަސައްކަތްކުރާ އޮސްޓްރޮނޯޓް ސްކޮޓް ކެލީ އެވެ.
ސްކޮޓް ކެލީއަކީ އަހަރު ދުވަހުގެ މިޝަންއެއްގައި މިދިޔަ އަހަރުގެ މާޗް މަހު ޖައްވީ ސްޓޭޝަނަށް ފޮނުވާފައިވާ އެމެރިކާގެ އޮސްޓްރޮނޯޓެއްގެ އިތުރުން ރިޓަޔާ ކޮށްފައިވާ އެމެރިކާގެ ނޭވީ ކެޕްޓަން އެކެވެ.
"ޖައްވުގައި ވެސް އެހެން ދިރުންތައް އެބަހުރި. ޖައްވުގައި އިންދި މާ ގަހުން ފުރަތަމަ ފަހަރަށް މަލެއް ފޮޅިއްޖެ،" ކެލީ އޭނާގެ ކާމިޔާބީ ފަހުރުވެރިކަމާއެކު ހިއްސާކުރުމަށް ޓުވީޓާގައި ބުނެފައިވެ އެވެ.
އައިއެސްއެސްގައި ހުންނަ "ވެޖީ ލެބް"ގައި އިންދާފައިވާ މާ ގަހަކުން ފޮޅުނު އެ މަލަކީ މައިކްރޯގްރެވެޓީގައި ގަސް އިންދޭނެ ގޮތްތައް ދެނެގަތުމަށްޓަކައި އައިއެސްއެސްގެ އޮސްޓްރޮނޯޓުން ފަށާފައިވާ އެކްސްޕެރިމެންޓެއްގެ ބައެކެވެ.
އައިއެސްއެސްގެ ކްރޫއިން މީގެ ކުރިން ވަނީ ލެޓިއުސް ހެއްދުމަށް ފަހު ކެއުމަށް ބޭނުންކޮށްފަ އެވެ. ނަމަވެސް މިއީ ދުނިޔޭގެ އެޓްމޮސްފިއާ އިން ބޭރުގައި މަލެއް ފޮޅުނު ފުރަތަމަ ފަހަރުކަމުން، މި ކާމިޔާބީއަކީ މުސްތަގްބަލުގައި ކުރާ ޖައްވީ ދަތުރުތަކަށް މުހިއްމު ނަތީޖާއެއް ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.
އައިއެސްއެސްގެ އޮސްޓްރޮނޯޓުންނާއި ކޮސްމޮނޯޓިން ސްޓޭޝަންގައި ތިބެގެން ގަސް ހެއްދުމަށް "ވެޖީ ލެބް" ގާއިމްކޮށްފައި ވަނީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ. އެ ސިސްޓަމުގެ ތެރެއިން މާ ގަސް ހައްދަނީ ރަތާއި ނޫ އަދި ފެހި ކުލައިގެ ލެޑް ލައިޓް ބޭނުންކޮށްގެންނެވެ.
މައުލޫމާތު: ރަޝިއާ ޓުޑޭ