ހއ. ބާރަށުގައި ކުޑަކުދިންތަކެއް ކުޅެން އުޅުމުގެ ތެރޭގައި ހަނޑޫ މުގުރާ ދައްޗެއްގެ ތެރޭގައި ތިން އަހަރުގެ ކުއްޖެއްގެ އަތް ތާށިވެ، އިނގިލިތައް ވަރަށް ބޮޑަށް މިއަދު ޗިސްވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެކުއްޖާގެ ކަނާތް އެ ހަނޑޫ މުގުރާ ދަތިތެރޭ ތާށިވީ ގޭ ތެރޭ އެހެން ކުއްޖަކާއެކު ކުޅެން އުޅުމުގެ ތެރޭގައި، އެ ދަތިތެރެއަށް އެކުއްޖާގެ އަތްވެއްދި ވަގުތު އަނެއް ކުއްޖާ އޭގެ އުޑި އަނބުރާލުމުންނެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފަރުވާދޭން ގެންގޮސްފައިވަނީ ވެސް، އެ ދަތިތެރެއިން ކުއްޖާގެ އަތް ނުނައްޓަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ދައްޗާ އެއްކޮަށް ކުއްޖާ ގެނައުމުން އެ ދަތިތެރެއިން އަތް ނުއްޓުވީ ހޮސްޕިޓަލުގެ ސާޖަންއާއި އިތުރު ދެމީހަކު މަސައްކަތްކޮށްގެން ކަމަށެވެ. އަދި އަތް ނެއްޓިއިރު، ބައެއް އިނގިލިތައް ވަނީ ވަރަށް ބޮޑަށް ޗިސްވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އެކަމުގެ ސަބަބުން ފަހަރެއްގައި ޖެހޭނީ އެ އިނގިލިތައް ބުރިކޮށްލަން ކަމަށް ޑޮކްޓަރު ވިދާޅުވުމުން އާއިލާއިން ބޭނުންވީ މާލެ ގެނެސް ކުއްޖާގެ އަތް ސްޕެޝަލިސްޓުންނަށް ދެއްކުމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އާއިލާއިން ވަނީ އެކުއްޖާ ގޮވައިގެން މިހާރު މާލެ އައުމަށް ފުރައިފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ކުއްޖާގެ އަތުން ގިނަ އަދަދެއްގެ ލޭފޭބި ނަމަވެސް، ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތެވެ.