އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރުމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އުވާލައިފިއެވެ.

މީގެކުރިން އެމައްސަލަ ބައްލަަވަމުން ގެންދެވީ ތިން ފަނޑިޔާރުން އެކުލެވޭ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަބްދުލް ބާރީ ޔޫސުފް އާއި ގާޒީ އަބްދުﷲ ނަޝީދު އާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ. ނަމަވެސް އެ ބެންޗް އިސްގާޒީ އުވާލައްވައި މައްސަލަ ހަމައެކަނި ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްލަވާގޮތަށް މިއަދު ވަނީ ހަމަޖައްސަވާފަ އެވެ. ނަމަވެސް އެއީ ކީއްވެގެން ކުރި ކަމެއް ކަމެއް ނޭނެގެއެވެ.

މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ ވީޑިއީއެއްވަނީ ބަލާފަ އެވެ. ފުރަތަމަ ވީޑިއޯއަކީ އެކެއް މޭ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ސޯޝިއަލް ސެންޓަރު ކައިރީ ހުރެ އިމްރާން ދެއްކި ވާހަކައިގެ ވީޑިއޯ އެކެވެ.

ވީޑިއޯގައި އިމްރާން ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުން ވަނީ ހަތް ކަމެއް ފާހަގަކޮށްފަ އެވެ. އިމްރާނުގެ ވާހަކައިގައި ފާހަގަކުރެއްވި "ފަހަތައް ނުޖެހި ސާބިތުވެ ތިއްބާވާ. އަޅުގަނޑުމެން އެހެންގޮތަކަށް ތެދުވެވަޑަައިގަންނަވަންދެން" އެވާހަކައާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ އެވާހަކައިގައި އެހެންގޮތަކަށް ތެދުވެ ވަޑައިގަންނަވަންދެން ވިދާޅުވެފައި ވުމުން އޭގެފަހުން ހިނގާ ދިޔަ ކަންކަމާއި ގުޅޭ ކަމަށެވެ.

ރައީސް ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެކު މަޝްވަރާގެ މޭޒުގައި އިށީނުން ކަމަށް ވިދާޅުވެފައިވާއިރު، އޭގެން ދޭހަވަނީ ރައީސް ޔާމީނަށް ބިރުދައްކައި އިންޒާރުދިނުން ކަމަށް ދައުލަތުން ވިދާޅުވި އެވެ. ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ޑރ. އަފްރާޝީމްއަލީގެ މަރުގެ މައްސަަލައިގެ އަޑީގައި ތިބީ އަހުމަދު އަދީބާއި ހުސައިން ވަހީދުކަމަށް ބުނެ ވާހަކަދައްކާފައިވުމުން އެއްވެސް ހެއްކެނެތި މީހެއްގެ ބައެއްގެ މައްޗަށް ތުހުމަތުކޮށް ވާހަކަދެއްކުނީ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އިމްރާންގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ސިޔާސީވެރިންނަށް ވިސްނައިދީ އަޑު އުފުލައި ގޮވާލުމަކީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) ހިމެނޭ ކަމަލެއް ނޫން ކަމަށެވެ. އަދި މީހަކު ދައްކާ ވާހަކައެއްގެ ޖޯޝުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ "އެހެންގޮތަކަށް ތެދުވެ ވަޑައިގަންވަންވީ" އެ އިބާރާތް އިމްރާން ބޭނުންކުރީ ކޮން މާނައެއްގައިތޯ ގާޒީ ބާރީ ވަނީ ސުވާލުކުރައްވާފަ އެވެ. އެސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އެދުވަހު ނިންމާފައި އޮތީ މަގްރިބް ނަމާދަށް މެދުކަނޑާލުމަށް ފަހު އަނެއްކާވެސް މުޒާހަރާ ކުރިއަށް ގެންދިއުމަށް ކަމަށާއި، އެގޮތަށް ނިންމީ ރައީސް ޔާމީން އެދުޗަހު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާތީ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެދުވަހުގެ މުޒާހަރާގައިވެސް އަދި އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ދިނުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ. ގާޒީ ބާރީ ވިދާޅުވީ ކުރައްވާ ސުވާލަށް އިމްރާން ދެއްވަނީ ސިޔާސީ ޖަވާބު ކަމަށެވެ. އަދި ސީދާ ޖަވާބެއް ނުލިބޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގައި އިމްރާނުގެ ވަކީލު އަލީ ޒާހިރު ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެން ގާޒީ ބާރީ ވިދާޅުވީ ތައުލީމު އުނގެނިގެން ތިއްބަވާ ބޭފުޅުން ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރައްވާކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ކަން ކަން އޮޅުވާލުމަށް މަސައްކަތް ނުކުރުމަށް ގާޒީ ވިދާޅުވި އެވެ.

އިމްރާނުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ގާޒީ ބާރީ ވާހަކަފުޅު ދެއްކެވީ ޖެއްސުމުގެ ރާގުގައި ކަމަށެވެ. އެކަމާއި ގުޅިގެން ގާޒީ ސުވާލު ކުރީ އެހެން ވިދާޅުވީ ކީއްވެތޯ އެވެ. ހުސްނުއްސުއޫދު ވިދާޅުވީ "ގާޒީގެ ރާގު ހުރިގޮތުން" ކަމަށެވެ. އެކަމާއި ގުޅިގެން ހުސްނުއްސުއޫދަށް ވަނީ ޝަރީއަތުގެ މަޖިލީހުގައި މާފަށް އެދިވަޑައިގަންނަވަން ޖެހިފަ އެވެ.

މިއަދުގެ ޝަރީއަތް ނިންމާލީ މާދަމާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮއްނާނެ ކަން އިއުލާނުކުރައްވާފަ އެވެ. ނަމަވެސް ޝަރީއަތް އޮއްނާނެ ގަޑިއެއް އަދި ނޭންގެ އެވެ.