ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނީއަރިންގް ޓެކްނޮލޮޖީ (އެފްއީޓީ)ގެ ޑީން ކަމުގެ މަގާމަށް ޣާނިމް މުހައްމަދު އައްޔަންކޮށްފި އެވެ.

މިއަދު ހެނދުނު ޔުނިވާސިޓީގައި އޮތް ރަސްމިއްޔާތެއްގައި ޣާނިމް އެފްއީޓީގެ ޑީން ކަމުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް، ޣާނިމް މަސައްކަތް ކުރައްވަމުން އައީ އެ ފެކަލްޓީގެ ލެކްޗަރަރެއްގެ ގޮތުގަ އެވެ.

މަގާމާ ހަވާލު ވުމަށް ފަހު ޣާނިމް ދެއްކެވި ވާހަކާގައި ވިދާޅުވީ އިންޖިނިއަރިންގް އަދި ބިނާވެށީގެ ދާއިރާ އިން ގައުމަށް ބޮޑެތި ތަރައްގީތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އަދި އެ ފެކަލްޓީ އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ އަލިމަގު މިހާރު ފެންނަށް ފަށާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޣާނިމް ވިދާޅުވީ، ޔުނިވާސިޓީ އަށް އައިސްފައިވާ ބަދަލާ އެކު، އިންސާނީ އަދި ފަންނީ ވަސީލަތްތައް އެފްއީޓީގައި ތަރައްގީވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ގައުމުގެ ޒުވާން ޖީލަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކާ ގުޅުންބަދަހިކޮށް، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެފްއީޓީގައި ޕީއެޗްޑީ ޕްރޮގްރާމްތައް ފައްޓަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެފްއީޓީ އަކީ އަކީ ދުނިޔެ ގަބޫލު ކުރާ ފެކަލްޓީއަކަށް ވެގެންދާނެ ކަމަށް ވެސް ޣާނިމް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ މި އަހަރުގެ ކިޔެވުން މި މަހުގެ 31ގައި ފެށޭއިރު، އިންޖިނިއަރިންގް ޓެކްނޮލޮޖީގެ ރޮނގުން 190 އަށް ވުރެ ގިނަ ފުރުސަތު އެފްއީޓީން ވަނީ ހުޅުވާލައިފަ އެވެ.