17 Jan 2016, 15:24
ގިނަ ދުވަހު ޒުވާންކަން މަތީ ދެމި ހުރުމަކީ ކޮންމެ މީހަކު ވެސް ދެކޭނެ ހުވަފެނެކެވެ. އެހެންނަމަވެސް އެކަމަށް އެޅޭ ހުރަހަކީ ގައިގެ ހަންގަނޑެވެ. ހަމުގައި ޖެހޭ ރުލާއި ހަންގަނޑު ކުރަކިވުމަކީ މުސްކުޅި ވުމުގެ އަލާމާތްތައް ބޭރު ފުށުން ފެންނަ މައިގަނޑު އެއް ސަބަބެވެ.
އެހެންކަމުން ހަންގަނޑު ގިނަ ދުވަހު ޒުވާންކަންމަތީ ދެމެހެއްޓުމަށް ބޮޑެތި ހަރަދުތައް ކުރާ މީހުން މަދެއް ނޫނެވެ. މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނަމަވެސް ސެލޫންތަކަށް ގޮސް ޓުރީޓުމަންޓު ނަގާ މީހުން ވެސް ވަކި މަދެއް ނޫނެވެ.
އެހެންނަމަވެސް އެއީ ކުޑަ ހަރަދެއް ނޫނެވެ. ހަންގަނޑު ރީތިކޮށް ޒުވާން ކަން މަތީ ދެމެހެއްޓުމަށް ހާއްސަކޮށްފައި ހުންނަ އެކިއެކި ބްރޭންޑުތަކުގެ ކުރީމަކީ ވެސް ކުޑަ އަގެއްގައި ގަންނަން ލިބޭ އެއްޗެއް ނޫނެވެ.
ހަމައެހެންމެ، ކެމިކަލުން ފުރިގެންވާ އެ ފަދަ ކުރީމުތައް ދިގު މުއްދަތަކަށް ބޭނުން ކުރުމަކީ ވެސް ހަމުގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ހަންގަނޑަށާއި ތިމާގެ ހަށިގަނޑަށް ގެއްލުން ނުވާ އެއްޗެއް ބޭނުންކޮށްގެން ޒުވާންކަންމަތީ ދެމިހުރުން މުހިއްމެވެ.
އެހެންކަމުން ފެހި ކުލައިގެ މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން ހަމުގެ ޒުވާންކަން ދެމެހެއްޓުން ވަރަށް މުހިއްމެވެ. ހަމާއެކު ހަށިގަނޑަށް ވެސް އެތައް ފައިދާތަކެއް ލިބޭނެކަން ޔަގީނެވެ.
އެގޮތުން ހަންގަނޑު ރޫ ޖެހުމުން ދުރުކޮށް، ގިނަ ދުވަހު ޒުވާންކަންމަތީ ދެމެހެއްޓޭނެ ގްރީން ސުމޫތީސް ތަކަކަށް ބަލާލާނަމެވެ.
ކިވީ،ސްޕިނެޗް އެންޑު އެވޮކާޑޯ ސްމޫތީ

ބޭނުންވާ ތަކެތި: އެއް ޖޯޑު ބައި ކުރުނބާ ފެން، އެއް ޖޯޑު ސްޕިނެޗު، ދެ ކިވީ(ތޮށި މަށާފައި)، އެވޮކާޑޯއެއްގެ ދެބައި ކުޅަ އެއްބައި(ތޮށި މަށާފައި).
ތައްޔާރު ކުރަންވީ ގޮތް: ހުރިހާ އެއްޗެއް ގްރައިންޑު ކުރުމަށް ފަހު، އެއް ސުކޫޕް ޕްލެއިން ނުވަތަ ވެނީލާ ފްލެވާޑު ޕިއާ ޕްރޮޓީން ޕައުޑާކޮޅެއް އެއްކޮށްލާށެވެ.
އިމިއުނިޓީ ގުރީން ސްމޫތީ

ބޭނުންވާ ތަކެތި: އެއް ޖޯޑު ކުރުނބާ ފެން، ދެ ފަތް ރޮމެއިން ލެޓިއުސް، ފެހި އާފަލެއްގެ ދެބައިކުޅަ އެއްބައި، ހަތަރުބައިކުޅައެއްބައި ކިއުކަމްބާ، އެވޮކާޑޯއެއްގެ ހަތަރުބައިކުޅަ އެއްބައި، ލުނބޮއެއްގެ ދެބައިކުޅައެއްބައި، ކުޑަކުޑަ އިނގުރު ކޮޅެއް، ބައި ޖޯޑު ޕާސްލީ، ޕްރޯބަޔޯޓިކު ޕައުޑާކޮޅެއް، ހަތަރު ވަރަކަށް އައިސް ކިއުބް
ތައްޔާރު ކުރާނެ ގޮތް: އައިސް ކިއުބް ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށް ގުރައިންޑުކޮށްލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށް ހިމުން ވުމުން އައިސް ކިއުބް އެޅުމަށް ފަހު 10 ވަރަކަށް ސިކުންތު ވަންދެން ގުރައިންޑު ކޮށްލާށެވެ.
ފްރޯޒެން ގުރީން ލެމޮނޭޑު

ބޭނުންވާ ތަކެތި: ޖޯޑެއްގެ ދެބައިކުޅަ އެއްބައި މިންޓު ސައި، ޖޯޑެއްގެ ދެބައިކުޅައެއްބައި ސްޕިނެޗް ފަތް، ދެ ފަތް ރޮމެއިން ލެޓިއުސް، ފަސް މިންޓު ފަތް، އެއް ލުނބޯ،ފަސް ވަރަކަށް ޑްރޮޕް ސްޓީވިއާ ނުވަތަ އެއް ޕެކެޓު ސްޓީވިއާ، ޖޯޑެއްގެ ދެބައިކުޅަ އެއްބައި އައިސް ކިއުބް
ތައްޔާރު ކުރާނެ ގޮތް: އައިސްކިއުބް ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށް ގުރައިންޑުކޮށްލާށެވެ. އެއަށް ފަހު އައިސްކިއުބުތައް އެޅުމަށް ފަހު 10 ވަރަކަށް ސިކުންތު ވަންދެން ގުރައިންޑުކޮށްލާށެވެ.