ޖަލާލައާބާދު (ޖެނުއަރީ 17): އަފްގާނިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޖަލާލައާބާދުގައި މިއަދު ޖާނުން ފިދާވުމުގެ ހަމަލާއެއްދީ 13 މީހަކު މަރާލައިފި އެވެ.

ޖަލާލައާބާދުގެ އިސް ސިޔާސީ ފަރާތެއް ކަމަށްވާ އުބައިދުﷲ ޝިންވާރީގެ ގެޔަށް ދިން އެ ހަމަލާގައި 13 މީހަކު މަރުވުމުގެ އިތުރުން 15 މީހަކަށް އެކިވަރުގެ އަނިޔާވި އެވެ.

އެހަމަލާ ދީފައި ވަނީ ޝިންވާރީގެ ދަރިފުޅު ތާލިބާނުންގެ ހައްޔަރުގައި ހުރުމަށް ފަހު މިނިވަން ކުރުމުން އެކަން ފާހަގަ ކުރުމަށް އެގެ ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި ވަގުތެއްގަ އެވެ. އެހަމަލާގެ ސަބަބުން ތާލިބާނުންގެ އަތްދަށުން މިނިވަންވި ޝިންވާރީގެ ދަރިފުޅު މަރުވި އެވެ. އަދި ޝިންވާރީ ޒަހަމްވި އެވެ.

ޝިންވާރީއަކީ ނަންގަހާރު ޕްރޮވިންސުގެ ޕްރޮވިންޝަލް ކައުންސިލްގެ މެމްބަރެކެވެ. އަދި އޭނާގެ އާއިލާއަކީ އެ ޕްރޮވިންސުގައި ވެސް އަދި ގައުމީ ފެންވަރުގައި ވެސް ސިޔާސީ ކަންތައްތަކުގައި ބައިވެރިވާ އާއިލާއެކެވެ.

އަފްގާނިސްތާނުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ އިރެއްގައި އަފްގާނިސްތާނުން ދަނީ އެގައުމުގެ ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އަފްގާނިސްތާނާއި ޕާކިސްތާނާއި އެމެރިކާ އާއި ޗައިނާގެ އޮފިޝަލުން ވަނީ އެމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕާކިސްތާނުގައި ބައްދަލުކުރައްވާފަ އެވެ. (އޭއެފްޕީ)