ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ޒައިނުއްދީން ޒިދާންއާ އެކު އެ ކްލަބަށް ޗެމްޕިއަންސްލީގް ކާމިޔާބް ކުރެވިދާނެ ކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ޒިދާނު ކުޅުނު ދުވަސްވަރު ރެއާލްގެ ކޯޗުކަން ކުރި ކަޕެއްލޯ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ޒިދާން އަކީ ނަމޫނާ މޮޅު ކުޅުންތެރިއެއް ކަމަށާއި ކޯޗެއްގެ ގޮތުގައި ވެސް އޭނާއަށް ރެއާލްއާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދޭނެ ކަމަށެވެ.

"ޒިދާން ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމާ އެކު ފަސް އަހަރު ހޭދަކޮށްފަ. ވޭތުވެދިޔަ ތިން އަހަރު އޭނާ އެ އުޅެނީ ރެއާލްގެ ކޯޗިން ސްޓާފުންގެ ތެރޭގައި. އެހްނެވީމަ ޒިދާނަށް ވުރެ ވަކި ރަނގަޅަށް މި ޓީމް އިގޭނެ އަދި މި ޓީމާއި އެކު ކާމިޔާބް ހޯދޭނެ ކޯޗެއް ނޫޅޭނެ،" ކަޕެއްލޯ ބުންޏެވެ.

އޭނާ ބުނީ، ކާލޯ އެންޗަލޯޓީއާ އެކު ރެއާލް އިން އެމީހުންގެ ދިހަ ވަނަ ޗެމްޕިއަންސް ލީގް ޓްރޮފީ އުފުލާލި އިރު އޭނާ ވަނީ ޒިދާން އަށް ވަރަށް ރަނގަޅަށް ޓީމު ބައްޓަން ކުރާނެ ގޮތުގެ އިރުޝާދު ދީފައި ކަމަށާއި އެންޗަލޯޓީ ދަސްކޮށްދީފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ ކާމިޔާބް ވާނެ ކަމަށެވެ.

"އެންޗަލޯޓީ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރެއިން އެއް ކޯޗު. ޒިދާން ވަނީ އޭނާ ގާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސް ކޮށްފަ. މިސާލަކަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ބެލެވޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ ފަދަ ކުޅުންތެރިން ގެންގުޅޭނެ ގޮތާއި އެ މީހުން ލައްވައި ކާމިޔާބް ހޯދޭނެ ގޮތް ޒިދާން އަށް އެގޭނެ މިހާރު،" ކަޕެއްލޯ ބުންޏެވެ.

ޒިދާން އާއި އެންޗަލޯޓީއަށް ތައުރީފް ކޮށް ކަޕެއްލޯ ވާހަކަ ދައްކާފައިވާއިރު އޭނާ ވަނީ އެންމެ ފަހުން ރެއާލްގެ ކޯޗުކަމުން ވަކިކުރި ރަފައެލް ބެނިޓޭޒް އަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ.

"ބެނިޓޭޒްއާ އެކު ކުޅުންތެރިންނަށް ވަނީ ކޮންފިޑެންސް ގެއްލިފަ. އޭނާ ކިޔައިދޭ އެއްޗިހި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ގަބޫލުނުކުރެވި ފެއިލްވާ ތަން ފެނުނީ. އެއީ އޭނާ އަކީ މޮޅު ކުޅުންތެރިއަކަށް ނުވުމުން،" ކަޕެއްލޯ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ޒިދާން ހަވާލުވި ފަހުން އެ ޓީމް ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން އެއް ވަރުވެ އަނެއް މެޗުން ވަނީ ބޮޑުތަފާތަކުން މޮޅުވެފައެވެ. އަދި ތިން ވަނަ މެޗުގައި މިރޭ ސްޕޯޓިން ގިޖޯންއާ ދެކޮޅަށް ނިކުންނާނެއެވެ.