17 Jan 2016, 14:30
މީގެ 19 އަހަރު ކުރިން ފިޝަރީޒު މިނިސްޓްރީން މަސްވެރި ކަމަށް ދޫކުރި ދޯނިތަކުގެ ތެރެއިން ދައުލަތަށް ފައިސާ ނުދައްކާ 16 ދޯންޏެއް ސަރުކާރަށް ނަގަން ނިންމައިފި އެވެ.
އެ ދޯނި ފަހަރުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަސްވެރިކަން ކުރުމަށް އާންމު ފަރާތްތަކަށް 1997 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ހިންގި މަސް ދޯނި ދޫކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ދޫކޮށްފައިވާ ދޯނިތަކެވެ. އޭގެ ތެރެއިން ސަރުކާރުން ވަނީ 75 ދޯންޏެއް ދޫކޮށްފަ އެވެ. އެ ދޯނި ފަހަރުތައް ދޫކޮށްފައި ވަނީ 10 އަހަރު ދުވަހުން އަގު ދައްކާ ހަލާސް ކުރާ ގޮތަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާފިޒު "ސަން" އަށް މިއަދު ވިދާޅުވީ ފައިސާ ދެއްކުމަށް ދޯނި ފަހަރު ދޫކޮށްފައިވާ ފަރާތްތަކަށް ތަފާތު އެތަކެއް ފުރުސަތު ތަކެއް ދެވުނު ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ވަރަށް ގިނަ ފުރުސަތުތަކެއް އެކި ގޮތްގޮތުން ދީފައި. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކަށް އެހެން މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ބަދަލު ކުރުމަށްފަހު ވެސް ފައިސާ ދެއްކޭނެ ގޮތް މިނިސްޓްރީން ހަދައިދިނިން. އަނެއްކާ ވަކި ވަރަކަށް ފައިސާ ދެއްކުމަށްފަހު މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ވެސް ހުއްދަ ދިނިން،" ހާފިޒު ވިދާޅުވި އެވެ.
ހަފީޒު ވިދާޅުވީ މިނިސްޓްރީން ދީފައިވާ އެއްވެސް ފުރުސަތެއް ބޭނުން ކުރާ ފަރާތްތައް އެބަ ހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެއްގޮތަކަށް ވެސް ފައިސާ ނުދައްކާ ފަރާތްތަކަށް އެގްރީމަންޓުގައި ބުނެފައިވާ މުހުލަތުތައް ވެސް ދީފައިވާ ކަމަށެވެ.
"މިހާރު އެ ދޯނިފަހަރު (ފައިސާ ނުދައްކާ ދޯނިފަހަރު) ނެގުމުގެ މަސައްކަތް ކުރަމުން މި ދަނީ. ދޯނިތައް ނަގާކަން ސަރުކާރަށް ވާނީ އަންގާފައި. މިފްކޯގެ ދެ ސްޓޭޝަނެއް ރާއްޖޭގެ އުތުރާއި ދެކުނުގައި އެބަ އޮތް. ކޫއްޑޫއާ ފެލިވަރު. އެގްރީމަންޓުގައި ބުނެފައި މިވަނީ ފިޝަރީޒުން އަންގާ ތަނަކަށް ދޯނި ގެންދަންޖެހޭނެ. އެގޮތަށް ފެލިވަރަށާއި ކޫއްޑޫ ބަނދަރަށް ގެންދަން ދޯނި ފަހަރުތަކަށް އަންގަމުން މި ދަނީ،" ހާފިޒު ވިދާޅުވި އެވެ.
ދިގު މުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް ފިޝަރީޒު މިނިސްޓްރީ އިން ދޫކުރި މަސް ދޯނިފަހަރުގެ އަގުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 2009 ވަނަ އަހަރު ދޯނީގެ އަގުގެ 50 ޕަސެންޓް ދައްކަވާފައިވާ ފަރާތްތަކަށް މަސްވެރިކަން ނޫން އެހެން ބޭނުންތަކަށް ދޯނި ބޭނުންކުރުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ.
ހަމައެއާ އެކު ދޯނީގެ އަގުއަދާކުރުމަށް ދަތިވާ ފަރާތްތަކަށް، އެފަދަ ފަރާތްތަކާއި ފިޝަރީޒު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތާއި ދޯނީގެ އަގަށް މިހާރު ނުދެއްކިވާ ޖުމުލަ އަދަދު ދެއްކޭނެ މުއްދަތެއް ދިނުމުން އެ މުއްދަތަކީ ސަރުކާރުން ގަބޫލުކުރެވޭ މުއްދަތަކަށްވާ ނަމަ އެގޮތަށް އެފަދަ ފަރާތާއި އެ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އިސްލާހުކޮށް ދިނުމުގެ ފުރުސަތު ވެސް 2010 ވަނަ އަހަރު ސަރުކާރުން ވަނީ ދީފަ އެވެ.