އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ އެއްވަރުކޮށް ތާރައެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މީޑިއާ އޮފިޝަލް ހަސަން އަރީފް މިއަދު ސަން އަށް ވިދާޅުވީ ރަންވޭގެ މަރާމާތުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. ކޮންމެ ރެއަކު 12:00 އިން ހެނދުނު 6:00 އަކަށް ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަނީ ޗައިނާގެ ސައިނޯހައިޑުރޯ އިންނެވެ. އެ މަސައްކަތް ނިންމާލުމަށް ހަވާލުކޮށްފައި ވަނީ 90 ދުވަހުގެ ތެރޭގަ އެވެ.

ރަންވޭ މަރާމާތުގެ މަސައްކަތް އެމްއޭސީއެލްގެ އެމްޑީ ބައްލަވާ ލައްވަނީ-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ކުރިން ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ރަންވޭގައި އަލުން ތާރު އަޅައި ނިމޭ އިރު މުޅި ރަންވޭ އޮންނާނީ އެއް މިންގަނޑަކަށް އެއްވަރުކޮށް ކަމަށެވެ. މިހާރު ބޯމިނުގައި 55 މިލިމީޓަރު ހުރި ރަންވޭގައި އަލުން ތާރު އަޅައި ނިމުމުން ބޯމިން 95 މިލިމީޓަރަށް ބޯވާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

ރަންވޭ ލެވަލްކުރުމުގެ އެމަސައްކަތަށް 15 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ.