އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ އަތޮޅުތަކުގެ އެޖެންޓުންނަށް ހޮވުނު ފަރާތްތަކާ ލިޔުން ހަވާލުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގެ ފެން ބިލްޑިންގުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އަތޮޅުތަކުގެ އެޖެންޓުންގެ ގޮތުގައި ހޮވުނު 12 ފަރާތާ ލިޔުން ހަވާލުކޮށްދެއްވީ އައިބީއެމްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އައިބީއެމްގެ އަތޮޅުތަކުގެ އެޖެންޓުންނަށް ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އައިބީއެމް އިން ކުރާ މަސައްކަތްތަކުގެ ތެރެއިން ޒުވާނުންނާއި އަތޮޅުތަކުގެ ރައްޔިތުންގެ ކުރިއެރުމަށް ފުރުސަތުތަކެއް ފަހިވެގެންދާ ކަމަށެވެ. އަދި އެ ފުރުސަތުތަކުގެ ސަބަބުން ޒުވާނުންނާއި ރައްޔިތުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"މި ކުރެވޭ މަސައްކަތްތަކުގެ އަލީގައި އަޅުގަނޑުމެން އެދެނީ އަތޮޅުތެރޭގައި ފާގަތިކަމާ އެކު ފެން ޑިސްޓްރިބިއުޓުވެގެން ދިއުން. އަދި ރައްޔިތުންނަށް ބޭނުންވާ ފެން ތި ބޭފުޅުންނަށް ލިބިފައި ހުރި އަގެއްގެ ތެރޭގައި ނަމަވެސް، ތިޔަބޭފުޅުންގެ ވިޔަފާރިއަށް އިތުރަށް ފައިދާއެއް ލިބޭގޮތަށް. ނޫނީ ކޮންމެވެސް ވަރެއްގެ ޕަސެންޓޭޖެއް އިތުރުކޮށްގެން ނަމަވެސް ރައްޔިތުންނާ ހަމައަށް ފެން ފޯރުކޮށްދިނުން"، ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ، އަތޮޅުތަކުގެ އެޖެންޓުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އިރުޝާދެއް ނުވަތަ ފަންނީ ލަފާއެއް ބޭނުންވާ ނަމަ، އެ ލަފާއެއް އައިބީއެމްގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ދިމަވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އަޅުގަނޑުމެންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ހިނދެއްގައި އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައިގެން"، ފަޒުލް ވިދާޅުވި އެވެ.

ހަމައެހެންމެ މިއަދު ހުޅުވާލި ފަހި ފުރުސަތުގެ ބޭނުންހިފައިގެން އައިބީއެމް އާ އެކު އަތޮޅުތަކުގެ ރައްޔިތުންނާ ހަމައަށް ދުޅަހެޔޮ ގޮތެއްގައި ފެން ފޯރުކޮށްދިނުމަށް ވެސް އެޖެންޓުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

އައިބީއެމްގެ އަތޮޅުތަކުގެ އެޖެންޓުންނަށް ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިބީއެމްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު ވިދާޅުވީ، އެ ކުންފުނީގެ އަތޮޅުތަކުގެ އެޖެންޓުންނަށް ވުމަށް ފާހަގަކޮށްލެވޭ ރަނގަޅު ޕުރޮޕޯސަލްތަކެއް ހުށައަޅާފައިވާ ކަމަށެވެ.

ހަމައެހެންމެ ހުށައެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެޖެންޓުން ހޮވާފައި ވަނީ ވަރަށް ބޮޑަށް ބެލެވިގެން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ޕްރޮޕޯސަލްތައް އިވަލުއޭޓު ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުމުން ވަރަށް ގިނަ ބައެއްގެ ޕްރޮޕޯސަލް ލިބިފައިވޭ. އެގޮތުން ފާހަގަ ކުރެވުނު ވަރަށް ކާމިޔާބު ޕްރޮޕޯސަލްތަކެއް އަޅުގަނޑުމެންނާ ހަމައަށް އައި"، ޝިފާގު ވިދާޅުވި އެވެ.