17 Jan 2016, 12:42
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ބޭއްވި ޓެސްޓުން ހަތަރު ޑޮކްޓަރުން ފެއިލްވެފައިވާ ކަމަށް މެޑިކަލް ކައުންސިލް އިން ބުނެފި އެވެ.
މެޑިކަލް ކައުންސިލްގެ މެންބަރު ޑޮކްޓަރު އަބްދުﷲ އަފީފު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ލައިސެންސިއޭޓިވް އެގްޒާމް ދެ ޓެސްޓެއް ހަދާފައިވާ އިރު ޖުމުލަ 17 ޑޮކްޓަރުން ބައިވެރިވެފައިވާ ކަމަށެވެ. ޓެސްޓް ހެދި 17 ޑޮކްޓަރުންގެ ތެރެއިން ހަތަރު ޑޮކްޓަރަކު ޓެސްޓުން ފެއިލްވެފައިވާ އިރު އެ ޑޮކްޓަރުންނަށް އިތުރު ފުރުސަތު ދީފައިވާ ކަމަށް އަފީފު ވިދާޅުވި އެވެ.
"އެމީހުންނަށް އިންނާނެ ވަކި މުއްދަތެއްދީފައި، އެ މުއްދަތުގެ ތެރޭގައި އެމީހުން އެގްޒާމް ކުލިއާކުރަން." ޑރ. އަފީފު ވިދާޅުވި އެވެ.
ޓެސްޓްގެ ނަތީޖާއަށް ބަލާއިރު އުންމީދު ކުރިވަރަށް ވުރެ ނަތީޖާދަށް ދެތިން ޑޮކްޓަރުން އުޅޭކަން ފާހަގަވެފައިވާ ކަމަށާއި ފެންވަރު ހުއްޓަސް ޓެސްޓެއް ވީމާ އެހެން ދިމާވެދާނެ ކަމަށް އަފީފު ވިދާޅުވި އެވެ.
އެ ޓެސްޓް ހަދަންޖެހޭ 400 ޑޮކްޓަރުން ރާއްޖޭގައި އުޅޭ އިރު އެ ހުރިހާ ޑޮކްޓަރުން އެ ޓެސްޓްގައި ބައިވެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަފީފު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ޓެސްޓް ހަދަމުންދާ އިރު މިހާރު ރާއްޖެ ގެންނަ ޑޮކްޓަރުން ގެންނަނީ އެޓެސްޓް ހެދުމަށް ފަހު ކަމަށް އަފީފު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖެ ގެންނަ ޑޮކްޓަރުން މުޅިންހެން ގެންނަމުންދިޔައީ އެޑޮކްޓަރުން ހުށައަޅާ ސެޓްފިކެޓްއަށް ބަލައިގެންނެވެ. ނަތީޖާއަކަށްވެފައި ވަނީ ފޭކް ސެޓްފިކެޓުތައް ހަދައިގެން އެތައް ބަޔަކު ރާއްޖެ އައުމެވެ.