17 Jan 2016, 11:58
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ފޮނުވުމަށް ސަރުކާރުން ހުއްދަދިނުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ދޫނިދޫގައި ބެހެއްޓި މައްސަލައާ ގުޅިގެންނެވެ. ނަޝީދު ޖަލަށްލުމާ ގުޅިގެން ބޭރުގެ ގިނަ ގައުމުތަކަކުން ވަނީ ނަޝީދު ދޫކޮށްލުމަށް ގޮވާލާ ސަރުކާރަށް ދަންނަވައިފަ އެވެ. އޭގެތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ ނޫހުގައި ބުނެފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ދަތުރުފުޅުކުރެއްވުމުގެ ކުރިން ނަޝީދުގެ މައްސަލައަށް ލުޔެއް ލިބެން ބޭނުންވާ ކަމަށެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދިއްލީ ހައިކޮމިޝަނުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު އަހުމަދު މުހައްމަދު ވެސް ވަނީ ދެއްވައިފަ އެވެ. އޭނާއާ ހަވާލާދީ ދަ ހިންދޫ ނޫހުގައި ބުނެފައި ވަނީ އަވަސް މުސްތަގުބަލެއްގައި މޯދީ ރާއްޖެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދަ ހިންދޫ ނޫހުގައި ބުނެފައިވާ ގޮތުން ނަޝީދު އިނގިރޭސި ވިލާތަށް ފޮނުވަން ސަރުކާރުން ނިންމީ ބޭރު ގައުމުތަކުގެ ނުފޫޒު ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން އިންޑިއާގެ ފޮރިން ސެކެޓްރީ ޖައިޝަންކަރު މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެން ރައީސް ޔާމީން އަރިހުގައި ނަޝީދަށް ލުޔެއް ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.
ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދި ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރުމަށް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ސަރުކާރުން ނަޝީދު ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ އިރު ދިނީ ކިހާ މުއްދަތެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.