ރައްޔިތުންގެ އިންޖީނުގެތަކަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް މިދިޔަ އަހަރު 22 މިލިޔަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ އެއްވެސް އިންޖީނުގެ އަކަށް ސަބްސިޑީގެ އެއްވެސް ފައިސާއެއް ސަރުކާރުން މިހާތަނަށް ދީފައިވާކަން އެނގެން ނެތްކަމަށް މާލިއްޔަތު ކޮމިޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ އިންޖީނުގެތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ 22 މިލިޔަން ރުފިޔާގެ ސަބްސިޑީ ފައިސާ ދޫކުރާނެ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން ކުރިއަށްގެންދިޔަ ބަހުސްގައި، އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ، 2010 ވަނަ އަހަރުގެ ބަޖެޓްގައި ސަބްސިޑީ އަށް ކަނޑައެޅި ފައިސާ އިން ރައްޔިތުންގެ އެއްވެސް އިންޖީޏުގެ އަކަށް ސަބްސިޑީ ދީފައިވާ ކަން ސަރުކާރުން ކޮމިޓީ އަށް ދީފައިވާ މައުލޫމާތުތަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި ސަރުކާރުން ހިންގާ ޔުޓިލިޓީސް ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި 39 މިލިޔަން ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަން އެ މައުލޫމާތުތަކުން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުސްވި 2010 ވަނަ އަހަރު ވެސް ރައްޔިތުންގެ އެއްވެސް އިންޖީނުގެއަކަށް އެއްވެސް އެއްޗެއް ދީފައެއްނެތް. ނަމަވެސް ޔުޓިލިޓީސް ކުންފުނިތަކަށާއި ސްޓެލްކޯގެ އިންޖީނުގެތަކަށް 39 މިލިޔަންރުފިޔާ ދީފައިވާކަން ސަރުކާރުން ދީފައިވާ މައުލޫމަތުތަކުން ދައްކާ. ވެދާނެ އެކަން ކޮށްފައި ވަނީ ރައްޔިތުންގެ އިންޖީނުގެތައް ޔުޓިލިޓީސް ކުންފުނިތަކަށް ނެގުމަށް ބާރު އެޅުމުގެގޮތުން ކަމަށް ވެސް." ނާޒިމު ވިދާޅުވި އެވެ.

އެ މައްސަލައިގަ ޑީއާރުޕީގެ މެންބަރު ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، ރައްޔިތުންގެ އިންޖީނުގެތަކަށް ސަބްސިޑީ ދިނުމަށް މަޖިލީހުން ނިންނީ ވެސް އެ އިންޖީނުގެތައް ހާލުގައިޖެހިފައިވާލެއް ބޮޑުކަމުން ކަމަށެވެ.
ޔުޓިލިޓީސް ކުންފުނިތަކުން ހިންގާ އިންޖީނުގެތަކަށް އިޝާރާތް ކުރައްވައި މައުސޫމު ވިދާޅުވީ، ސަރުކާރުން އެހީތެރިވެދެނީ ވެސް އަދި ސަބްސިޑީ ދެނީ ވެސް ޕާޓީ (އެމްޑީޕީ)ގެ އިންޖީނުގެ ތަކަށް ކަމަށެވެ. އަދި ޔުޓިލިޓީސް ކުންފުނިތަކަށް ނަގާފައި ވަނީ ބޮޑެތި އިންޖީނުގެތައް ކަމަށާއި ކުރީގައި ހާލުގައި ޖެހުނު ރައްޔިތުންގެ އިންޖީނުގެތައް މިހާރު ވެސް ހުރީ އެގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން މުލަކު ދާއިރާގެ އަބުދުﷲ ޔާމީން ވިދާޅުވީ، އިންޖީނުގެތަކަށް ސަބްސިޑީ ބެހުމަކީ މާލިއްޔަތު ކޮމިޓީގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެކަމަކީ އިދާރީކަމެއް ކަމަށާއި، ސަބްސިޑީ ދޭ އުސޫލުތައް ސަރުކާރުން ކަނޑައެޅުމުން މާލިއްޔަތު ކޮމިޓީގެ މަސައްކަތަކަށް ވާން ޖެހޭނީ އެކަން އެޕްރޫވްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ޔާމީންގެ އެ ހުށަހެޅުއްވުމަށް ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ތާއީދު ކުރެއްވުމުން ކޮމިޓީގެ ބައްދަލުވުމުގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެ މައްސަލަ އެ ގޮތަށް ފާސްކުރެއްވި އެވެ.