17 Jan 2016, 10:29
ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ކ. މާދިއްގަރުފަޅު ސަރުކާރުން ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސަރުކާރުން ވިލާއަށް މާދިއްގަރުފަޅާއި ކަނުހުރާ ދީފައި ވަނީ ހދ. ހަނިމާދޫގެ ބިމުގެ މައްސަލައާ ގުޅިގެން 9.2 މިލިއަން ރުފިޔާ ވިލާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެފައިސާ ސަރުކާރަށް ދެއްކެން ނެތުމުންނެވެ. އެ ދެ ފަޅު ދިނުމުގެ އިތުރުން އެ ފައިސާގެ ބަދަލުގައި ވިލާ އިން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްގެ ބައެއް ވެސް ވަނީ މައާފްކޮށްދީފަ އެވެ.
އެމައްސަލާގައި ސިވިލް ކޯޓުން މިދިޔަ ހަފްތާ ކުރި ހުކުމުގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމްއާ އެކު 2013 ވަނަ ކުރެވިފައިވާ އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރީމެންޓް އުވާލެވިފައިވާ ކަމަށް ބުނެ ވިލާއަށް ޓޫރިޒަމުން ފޮނުވި ސިޓީގައި އަންގާފައިވަނީ އެގްރީމެންޓާ ހިލާފު ބާތިލު އެންގުމެއް ކަމަށެވެ.
އެގްރީމެންޓް އުވާލިކަމަށް ވިލާއަށް ސަރުކާރުން އަންގާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައިވާ ތ. އެލާ އަނބުރާ ސަރުކާރަށް ނެގީ އެއްބަސްވުމާ ޚިލާފަށް ކަމަށްވެސް ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ.