ބޭރޫތު (ޖެނުއަރީ 17): ސީރިޔާގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ އިރުމަތީ ރަށެއް ކަމަށްވާ ދައިރު އަލް ޒައުރަށް އައިއެސް އިން ހަމަލާދީ ގިނަ އަދަދެއްގެ އާއްމުން މަރާލައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސީރިޔާގެ ސްޓޭޓް ނިއުސް އޭޖެންސީ އިން ބުނި ގޮތުގައި އައިއެސް އިން 300 ވަރަކަށް އާއްމުން މަރާލައިފައިވެ އެވެ. އަދި އޭގެ ތެރޭގައި ސީރިޔާގެ މިހާރުގެ ރައީސް، ބައްޝާރުލް އަސަދަށް ވާގިވެރިވާ އަސްކަރީ ފަރާތްތަކާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އަސްއަދުގެ ސަރުކާރުން ބުނެ އެވެ. އަދި އިތުރު 400 ވަރަކަށް މީހުން އައިއެސް އިން ރަހީނު ކުރި ކަމަށް ވެސް ސްޓޭޓް ޓީވީން ރިޕޯޓުކުރި އެވެ.

އެއާ ޚިލާފަށް، ސީރިޔާގައި ހިނގަމުންދާ މޮނިޓާކުރާ ގުރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިއްޔެ ދިން ހަމަލާތަކުގައި މަރުވެފައި ވަނީ 135 ވަރަކަށް މީހުން ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި އޭގެ ތެރެއިން 80 މީހުންނަކީ ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރިންނެވެ. ބާކީ މީހުންނަކީ ސީރިޔާގެ އާއްމުންނެވެ. އެ ގުރޫޕުން ބުނާ ގޮތުގައި އައިއެސް އިން ވަނީ ދައިރު އަލް ޒައުރުގެ 60 ޕަސެންޓް ބިމަށް މިހާރު ވެރިވެފަ އެވެ. ރަޝިއާ އިން ދަނީ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ދައިރު އަލް ޒައުރު ސިޓީ އަކީ ތެޔޮ ގިނައިން އުފައްދާ ދައިރު އަލް ޒައުރު ޕްރޮވިންސުގެ ވެރިރަށެވެ. އައިއެސް އިން ވަނީ އެ ޕްރޮވިންސުގެ ބޮޑު ބަޔަކަށް ވެރިވެފަ އެވެ. (އަލްޖަޒީރާ)