17 Jan 2016, 21:47
ފްރާންސް ލީގްގައި ޓުލޫސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޒްލަޓަން އިބްރަހިމޮވިޗް ކާމިޔާބް ކޮށްދިން ގޯލުން 0-1ގެ ނަތީޖާ އަކުން ޕީއެސްޖީ މޮޅުވެ ލީގު ތާވަލުގެ އެއް ވަނައިގައި އެޓީމުން 23 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ޕީއެސްޖީ އިން އެ މެޗު ކާމިޔާބުކޮށް ކުޅުނު 21 މެޗުން ޖުމުލަ 57 ޕޮއިންޓް ލިބިގެން ތާވަލުގެ އެއް ވަނައިގައި އޮތް އިރު ރޭގެ މެޗުން ބަލިވި ޓުލޫސްއާ އޮތީ 20 ޕޮއިންޓާ އެކު 19 ވަނައިގައެވެ. ތާވަލުގެ ދެވަނައިގައި އޮތް އެންގާސް އަށް 34 ޕޮއިންޓް ލިބިފައިވާ އިރު ތިން ވަނައިގައި އޮތް ނައިސް އަށް ލިބެނީ 33 ޕޮއިންޓް އެވެ.

ފްރާންސް ލީގްގައި ޓުލޫސް އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ޑެއިލީ މެއިލް
ޓުލޫސްގެ ސްޓޭޑިއަމް މުނިސްޕަލްގައި ރޭ ކުޅުނު އެ މެޗުގައި ޕީއެސްޖީ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެވަނަ ހާފްގެ 73 ވަނަ މިނެޓާ ހަމައަށް ތާވަލުގެ ފުލުން ދެވަނާގައި އޮތް ޓުލޫސް އިން ވަނީ ގަދަ ފަދަ ޕީއެސްޖީ ހިފަހައްޓައިފައެެވެ.
އެ މެޗުން ޕީއެސްޖީ މޮޅުވި ލަނޑު އިބްރާހިމްއޮވިޗް ކާމިޔާބް ކޮށްފައިވަނީ ބްރެޒިލްގެ ޑިފެންޑަރު ޑެވިޑް ލުއިޒް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

ފްރާންސް ލީގްގައި ޓުލޫސް އާއި ޕީއެސްޖީ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިބްރަހިމޮވިޗް ކާމިޔާބް ކުރަނީ --- ފޮޓޯ: ޑެއިލީ މެއިލް
މި ސީޒަނުގައި ލީގްގައި ކުޅުނު އެއްވެސް މެޗަކުން ޕީއެސްޖީ ބަލިވެފައި ނުވާއިރު ތިން މެޗު ފިޔަވައި އެހެން ހުރިހާ މެޗެއް އެ ޓީމު ވަނީ ކާމިޔާބު ވެސް ކޮށްފައެވެ. އަދި މި ސީޒަންގައި 16 ލަނޑު ކާމިޔާބް ކޮށްގެން ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ އިބްރަހިމޮވިޗް އެވެ.
ލީގްގައި ދެން އެންމެ އަވަހަށް ޕީއެސްޖީއަށް މެޗެއް އޮންނާނީ 23 ވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމު ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް އެންޖާސްއާ ދެކޮޅަށެވެ. އެ މެޗަށް ނިކުންނައިރު މި ދެ ޓީމް އެންމެ ފަހުން ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.