17 Jan 2016, 10:01
ނިއުދިއްލީ (ޖެނުއަރީ 17) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާ އަދި އިރާގަށް ދާ ދިވެހި ޒުވާނުން އިންޑިއާ ޓްރާންސިޓް ޕޮއިންޓްއަކަށް ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންޑިއާގެ އެޖެންސީތަކުން ބުނެފި އެވެ.
އަވައްޓެރި ގައުމުތަކުން އައިއެސް ޖަމާއަތާ ގުޅޭ މީހުންގެ އަދަދު އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާގައި ބޭއްވި ހައި ލެވެލް މީޓިންގައި ފާހަގަކޮށްފައި ވަނީ މިހާރު ދިވެހިން އައިސްއާ ގުޅެން ދިއުމުގެ ކުރިން ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކުރަނީ ތައިލެންޑް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިންޑިއާ ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޖެންސީތަކުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނަތް ސިންގް ރިޔާސަތު ބެލެހެއްޓެވި އެބައްދަލުވުމުގައި އިންޑިއާގެ ސެންޓަރަލް އިންޓެލިޖެންސް އިންވެސްޓިގޭޝަންގެ ބޭފުޅުންނާއި 13 ސްޓޭޓެއްގެ ޕޮލިސް އޮފިސަރުންނާއި ޓްއަރިސްޓް އެޖެންސީތަކުން ވަނީ ބައިވެރިވެފަ އެވެ.
އައިއެސްއާ ގުޅެންދިވެހިން އިންޑިއާ ބޭނުންކޮށްފާނެ ކަމުގެ ބިރުއޮތުމުން އިންޑިއާއަށް ދާ ދިވެހިންނަކީ އީ ޓްއަރިސްޓް ވިސާ ދޫކުރުމާ މެދު އެޖެންސީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ދިވެހިންނަށް ޓުއަރިސްޓް ވިސާ ދޫކުރާ އިރު އަމަލު ކުރާ އުސޫލުތައް ހަރުދަނާ ކުރުމަށް ވެސް އެބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ ނޫހުގައި ވަނީ ބުނެފަ އެވެ.
"އައިއެސްއަށް ދިއުމަށް މަގެއްގެ ގޮތުގައި ދިވެހިން އިންޑިއާ ބޭނުންކޮށްފާނެ. ނުވަތަ އިންޑިއާގެ ޒުވާނުން މަގު ފުރައްދާލައިގެން އައިއެސް ޖަމާއަތާ ގުޅެން ހިތްވަރުވެސް ދީފާނެ" އެބައްދަލުވުމުގައި އެޖެންސީތަކުން ބުނެފައިވެ އެވެ.
އިންޑިއާ އިން މިހާތަނަށް 27 މީހަކު އައިއެސްއާ ގުޅިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ އިރު ގިނަ އަދަދެއްގެ ބަޔަކު އައިއެސްއާ ގުޅުމުގެ ކުރިން ހުއްޓުވާފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިހާރު ވެސް 150 އަށް ވުރެ ގިނަ މީހުންނަށް އައިއެސްއާ ގުޅެން އުޅޭކަމުގެ ތުހުމަތު ކުރެވޭކަމަށް ވެސް އިންޑިއާ ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާ އިން އައިއެސް ޖަމާއަތާ ގުޅެން ދާ ދިވެހިން އިތުރުވާތީ އެކަމަށް ހައްލު ހޯދުމަށް އެގައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ކައުންސިލިންގް ދިނުމާއި އެ ޖަމާއަތުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން ހިމެނެ އެވެ.
އަވައްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އައިސްއާ ގުޅެނީ ބަންގްލަދޭޝްއިންކަން ވެސް އެބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެ އެވެ.