17 Jan 2016, 10:05
ތެހެރާން (ޖެނުއަރީ 17): ހުޅަނގުގެ ބައެއް ގައުމުތަކުން އީރާނާއެއްކޮށް ހެދި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެގައުމާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އިއްޔެ އުވާލައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އީރާނުން ދުނިޔޭގެ ހަ ބާރުގެ ގޮތުގައި ބެލެވޭ ގައުމުތަކާ އެކު ހެދި އެއްބަސްވުމުގައި އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަދު ކުރާނެ ކަމަށް އެއްބަސްވެފަ އެވެ. އެއެއްބަސްވުމަކީ އީރާނަށް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން ލިބިގެންނުވާ ކަން ޔަގީން ކުރުމަށްޓަކައި ހަދާފައިވާ އެއްބަސްވުމެކެވެ. އަދި އޭގެ ބަދަލުގައި އެމެރިކާއާއި އީޔޫ އިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް އެއެއްބަސްވުމުގައިވެ އެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލުމުން އެގައުމުން އުފައްދާ ތެޔޮ ދުނިޔޭގެ ބާޒާރުގައި އަނެއްކާ ވެސް ވިއްކޭނެ އެވެ. އަދި ބޭރުގައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ އެކައުންޓްތައް އަނެއްކާ ވެސް ބޭނުންކުރެވޭނެ އެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން 2012ގެ ފަހުން އެކަނިވެސް އެގައުމުގެ އޮއިލް ރެވެނިއުއަށް 160 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވެ އެވެ.
އީރާނުން އުފައްދާ ތެޔޮ ދުނިޔޭގެ ބަޒާރަށް އަނެއްކާ ވެސް ތައާރަފް ކުރުމުން ތެލުގެ އަގު އިތުރަށް ދައްވާނެ ކަމަށް ލަފާކުރެވެ އެވެ. (ބީބީސީ)