17 Jan 2016, 10:08
ތެހެރާން (ޖަނަވަރީ 17) : އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ނިންމި ނިންމުމަކީ އީރާނުގެ ރައްޔިތުންނަށް ލިބުނު ބޮޑުވެގެންވާ ނަސްރެއްކަމަށް އެގައުމުގެ ރައީސް ހަސަން ރޫޙާނީ ސިފަކުރައްވައިފި އެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އީރާނުގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި ރޫޙާނީ ވަނީ މިނަސްރު ލިބުނު ކަމަށް ޓަކައި އީރާނުގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ. ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލީ އީރާނުގެ ރައްޔިތުން އެކަމަށް ވެފައިވާ ބޮޑެތި ގުރްބާނީތަކެއްގެ ސަބަބުންކަމަށް ވެސް އީރާނުގެ ރައީސް ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު މިދިޔަ އަހަރު ވީއެއްބަސްވުމަށް އީރާނުން އިޙްތިރާމްކުރާކަން ބަޔާންކޮށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީންވަނީ ރިޕޯޓެއް ނެރެފަ އެވެ. މިރިޕޯޓްގައި ނިއުކްލިޔާ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން އީރާނުން ކުރަން ޖެހޭ ހުރިހާކަމެއް ފުރިހަމައަށް ކޮށްފައިވާކަން ބަޔާންކޮށްފައިވެ އެވެ. މިރިޕޯޓް ނެރުމާ އެކު އެމެރިކާއާއި ޔޫރަޕުން ވަނީ އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާ އަދި މާލީގޮތުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލިކަން އިޢްލާންކޮށްފަ އެވެ. އަދި ރައީސް ބަރަކް އޮބާމާވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލުމުގެ ރިޔާސީ އަމުރުގައި ސޮއިކުރައްވާފަ އެވެ.
ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި ޔޫރަޕުން ވަނީ އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުންނާ އަދި މާލީގޮތުން އީރާނާދެކޮޅަށް ދަތިކުރުމުގެ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި ބަލިކަށިވެގެން ދިޔަނަމަވެސް އީރާނުން ވަނީ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް އެއްކޮށް ދޫކޮށްލުމަށް ދެކޮޅުހަދާފަ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުން ބިނާވެފައިވަނީ މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ފުރްސަތު އީރާނަށް ލިބިދޭގޮތަށް އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް އދ.ގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށެވެ. ނަމަވެސް އަސްކަރީ ކަންކަމަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ އެއްވެސް ފުރްސަތު އީރާނަށް ނުލިބޭނެކަމަށް މިއެއްބަސްވުން ބުނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އީރާނަށް އިގްތިސާދީ ގޮތުން ކުރިޔަށްދިޔުމުގެ ވަރަށް ބޮޑެތި ފުރްސަތުތަކެއް ތަނަވަސްވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)