17 Jan 2016, 09:47
ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ 23، މަރާލި މައްސަލައިގައި ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ޒުހާގެ މަރުގެ މައްސަލައިގައި ބަންގުލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މީހާގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
ޒުހާގެ މަރުގެ މައްސަލައިގައި އިއްޔެ ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާއިރު މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުން ވަނީ ހަމަ އެ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 50 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ ޒުހާ އާއްމުކޮށް ވަދެ ނުކުމެ އުޅޭ ހ. ޑްރޫމްގެއިން ނެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދާދިފަހުން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
މަރާލުމަށްފަހު ޒުހާގެ ހަށިގަނޑު ގޯޅި ގަނޑެއްގެ ތެރެއަށް އެއްލައިލާފައިވާ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އަވަށްޓެރި އިންޑިއާ އަށް ފޮނުވާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެއުމަށްފަހު އެ ރޭ ދަންވަރު ވަނީ ވަޅުލައިފަ އެވެ.