އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗަސްޓާ ސިޓީ ކުޅުނު މެޗު 4-0 ގެ ނަތީޖާ އަކުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދި އިރު ލެސްޓާ ސިޓީ 1-1 އިން އެސްޓަން ވިލާއާ އެއްވަރަކޮށް އެއް ވަނަ އަށް ޖެހިލާފި އެވެ.

ރޭގެ މެޗުތަކަށް ފަހު ލެސްޓާ ކުޅުނު 22 މެޗުން 44 ޕޮއިންޓް އެއްކޮށްގެން ތާވަލުގެ އެއްވަނާގައި އޮތް އިރު 43 ޕޮއިންޓާ އެކު ސިޓީ އޮތީ ފަހަތުގައި ވިއްދާފަ އެވެ. އާސެނަލް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ތިން ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗަސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމަށް ކުރިސްޓަލް ޕެލަސްގެ ގޯލު 22 ވަނަ މިނެޓް ތެރޭގައި ހުޅުވާލަ ދިނީ ފާބިއަން ޑެލްފް އެވެ. ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ދެވަނަ ގޯލް ސާޖިއޯ އަގުއެރޯ ކާމިޔާބު ކުރި އިރު 68 ވަނަ މިނެޓްގައި އޭނާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ސިޓީއަށް ލީޑު ފުޅާ ކޮށްދީފައެވެ. އަދި ފަހު ގޯލު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އިރު ލެސްޓާ ސިޓީ އާއި އެސްޓަން ވިލާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ:އޭޕީ

އެސްޓަން ވިލާގެ، ވިލާ ޕާކްގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ބަލާ ހިތްވާކަހަލަ ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑުޖަހާ ލީޑުނަގާފަ އެވެ. އެ ލަނޑު ލެސްޓާއަށް ޖަހައިދިނީ ސިންޖީ އޮކަޒާކީ އެވެ.

މެޗުގެ ފުރަތަމަ ހާފް ލެސްޓާއިން ލީޑުގައި އޮވެ ނިންމާލި ނަމަވެސް ފަހުހާފަށް ކުޅެންނުކުމެ އެސްޓަން ވިލާއިން ވަނީ ކުޅުން ރަނގަޅުކޮށް ލެސްޓާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން 75 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ރޫޑީ ގެސްޓޭޑޭ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އިރު ޗެލްސީގެ ޓެރީ އެވަޓަން ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ:އޭޕީ

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އިން އެވަޓަން އަތުން ސަލާމަތް ވެވުނީ ފަހުވަގުތުގައި ޖޯން ޓެރީ ކާމިޔާބުކޮށްދިން ގޯލުއިން 3-3 ގެ ނަތީޖާ އަކުންނެވެ. ސަންޑަލެންޑާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވިއިރު ބޯންމައުތު ވަނީ ނޯވިޗްއާ ބައްދަލުކޮށް 3-0 އަކުން މެޗު ކާމިޔާބުކޮށްފަ އެވެ. އަދި ވެސްޓް ހެމް އަތުން ނިއުކާސަލް 2-1 އަކުން މޮޅުވިއިރު ވެސްޓް ބްރޮމް އަތުން ސައުތު އެމްޓަން ވަނީ 3-0 އަކުން މޮޅުވެފަ އެވެ.