17 Apr 2011, 18:00
ދައުލަތުގެ ބަޖެޓުން އެމްއެންބީސީ އަށް ފައިސާ ހަރަދުކުރާ ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އެދި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ހުށަހަޅުއްވަމުން އެ ކޮމިޓީގެ ވެސް މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ދައުލަތުގެ ރޭޑިއޯ އާއި ޓީވީ ހިންގަން ގާނޫނުން އެމްބީސީ އުފައްދާފައި ވަނިކޮށް، ގާނޫނީ ހައިސިއްޔަތެއްނެތް އެމްއެންބީސީ ކިޔާ ތަނަކުން އެތަންތަން ހިންގަނީ ދައުލަތުގެ ކޮންތަނަކުން، ކިހިނެއް ނަގާ ފައިސާއަކުންކަން އެނގެން ނޯންނަ ކަމަށެވެ. އެހެންކަމުން އެ ފައިސާ ނަގަނީ ކޮންތާކުން، ކިހިނެއްކަން ބަލަން ޖެހޭ ކަމަށާއި އަދި އެ ތަނުން އެ ފައިސާ ހަރަދު ކުރަނީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށްތޯ ކޮމިޓީން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން އެތައް އިނާޔަތްތަކެއް އެފަރާތަށް ލިބޭ. އެހެންކަމުން އެ ކަންތައްތަކަކީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ދޭ އިނާޔަތްތަކެއްތޯ، އެ ފައިސާ ބޭނުން ކުރަނީ ގާނޫނާ އެއްގޮތަށްތޯ ބަލަން ޖެހޭ." ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާނޫނާ އެއްގޮތަށް އެމްބީސީ އުފެއްދުމަށް ފަހު ދައުލަތުގެ ބަޖެޓުން އެތަނަށް 95 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ކަމުން އެމްއެންބީސީން ކަންތައްކުރާ ގޮތް ކޮމިޓީން މިހާރުން މިހާރަށް ބަލައި އެތަނުން ކުރަމުން ގެންދާ ކަންތައްތައް ހުއްޓާލުމަށް އަންގަން ޖެހޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ޓީވީ އާއި ރޭޑިއޯ ބޭނުންކޮށްގެން އެމްއެންބީސީގެ މަސައްކަތަކަށް ވެފައި ވަނީ މިހާރުގެ ސަރުކާރު ހިމާޔަތްކޮށް ސަރުކާރުގެ އިސް ސަފުގައި ތިބި މީހުން ކުރަމުންގެންދާ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ފޮރުވުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރިޔާޒު އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމުން، އެ ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލްގަފޫރު މޫސާ ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބަލާ ނަމަ ތެލުގެ ވިޔަފާރި ކުރުމަށް ރިޔާޒަށް ނު އަގުގައި ސަރުކާރުން ދީފައިވާ ބިމެއްގެ މައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޣަފޫރަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ ސަރުކާރުން އޭނާ އަށް ބިމެއް ދީފައި ނޯންނާނެ ކަމަށެވެ.
އެ މައްސަލައިގެ ބަހުސް ނިންމަވާ ލައްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު ވިދާޅުވީ، ރިޔާޒު ހުށަހެޅުއްވި މައްސަލަ ބައްލަވާނެ ކަމަށެވެ.