ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް ހޫގޯ ސްވަޔާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ހޫގޯ ރާއްޖެ ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ވަނީ ރޭގަ އެވެ. ނަމަވެސް އޭނާގެ ދަތުރުފުޅު މިއަދު ހެނދުނަށް ވަނީ ފަސްކުރައްވައިފަ އެވެ.

ހޫގޯ ރާއްޖެ އަށް ކުރަށްވާ ދަތުރުފުޅުގެ ބޭނުން، ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ޓުވީޓް ކުރިތާ ގާތްގަނޑަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ މިނިސްޓްރީ އިން ވަނީ، 13 އަހަރު ދުވަހުގެ ޖަލުހުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވާކަން އިއުލާނުކުރައްވައިފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ހޫގޯ މިއަދު ރާއްޖެ ވަޑައިގެންފައިވާ އިރު ދާދިފަހުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ޖައިޝަންކަރު ވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނާ ވެސް ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން ސްރީ ލަންކާގެ ފޮރިން މިނިސްޓަރާއި އެގައުމުގެ ފިނޭންސް މިނިސްޓަރު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ރައީސް ޔާމީނާއި ބައްދަލުކުރައްވާ ރާއްޖޭގެ މަސްރަހާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފަ އެވެ.