17 Jan 2016, 08:54
އެމެރިކާގެ މިޗިގަން ސްޓޭޓުގެ ފްލިންޓް ސިޓީގައި ރައްޔިތުން ބޯން ގެންގުޅޭ ފެން ތަޣައްޔަރުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެ ސަރަހައްދަށް ޤައުމީ ކުއްލި ހާލަތު އިޢުލާނު ކޮށްފި އެވެ.
ފްލިންޓްގެ ފެނަށް އެޅިފައި ވަނީ ކެމިކަލް މާއްދާއެއް ކަމުގައިވާ ލެޑް އެވެ. ރައްޔިތުން ބޯ ފެނާއި ލެޑް އެކުވެ، އެ ފެން ތަޣައްޔަރު ވުމާ ގުޅިގެން އިއްޔެ ރައީސް ބަރަކް އޮބާމާ، ފްލިންޓްގައި ކުއްލި ހާލަތު އިޢުލާނު ކުރެއްވި އިރު، އެ ޤައުމުގެ ފެޑެރަލް އެމަޖެންސީ މެނޭޖްމެންޓް އޭޖެންސީއިން ދަނީ ފްލިންޓުގެ "ފެނުގެ ކާރިސާ" ހައްލު ކުރުމަށް މަސައްކަތް ފަށައިފަ އެވެ.
އެމެރިކާގެ ތިމާވެއްޓާ ބެހޭ ޑިޕާޓްމެންޓުން ބުނެފައި ވަނީ، މިފަދަ ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ ހެކިތައް މީގެ ކުރިން ފެނުނު ނަމަވެސް، މިޗިގަން ސްޓޭޓުގެ ސަރުކާރުން މިކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަށް ނުކުޅެދުނު ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފްލިންޓްގެ ފެނުގެ ނިޒާމު ގުޅުވާ ހޮޅިތައް ހަލާކުވެ، އެތަކެތިން ފެނަށް ލެޑް ފަދަ ކެމިކަލްތައް އެޅެމުންދާ ކަން މިޗިގަން ސަރުކާރަށް މީގެ ކުރިން ވަނީ އެނގިފަ އެވެ.
ފްލިންޓް ސިޓީގެ ރައްޔިތުން ވަނީ ފެނުގެ ވަހާއި ރަހަ އަދި ކުލައަށް ބަދަލު އައުމުގެ ސަބަބުން އެކަމުގެ ޝަކުވާ ވެސް މިޗިގަން ސަރުކާރަށް ކޮށްފަ އެވެ. އަދި، ކުޑަ ކުދިންގެ ލޭގައި ހިމެނޭ ލެޑްގެ މިންވަރު ވެސް އިތުރުވެ، އެކަމުގެ ރިޕޯޓެއް މިޗިގަންގެ ޑޮކްޓަރެއް ސަރުކާރަށް ހުށަހެޅުމުން، އެއާ މެދު ވެސް މާ ބޮޑު ފަރުވާލެއް ސަރުކާރުން ނުބަހައްޓާ ކަމަށް ވެ އެވެ.
ފެޑަރަލް އެމަޖެންސީ މެނޭޖްމެންޓް އޭޖެންސީ އިން މިހާރު ދަނީ، މިޗިގަންގެ ފެނުގެ ކާރިސާ ހައްލު ކުރުމަށް ބޭނުންވާ ފައިސާގެ 75 ޕަސެންޓް އެ ސްޓޭޓުގެ ސަރުކާރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.