އާއްމު ދިރިއުޅުމުގައި ފޯނާ ނުލައި ގިނަ ބަޔަކަށް މިހާރު ނޫޅެވޭނެ އެވެ. ބައެއް މީހުންނަށް ފޯނަކީ އެމީހަކު ދިރިހުރުމަށް ވެސް މުހިއްމު އެއްޗަކަށް މިވަނީ ވެފަ އެވެ. އާއިލާއާ ނުވަތަ އެކުވެރި ރައްޓެހިންނާ އެކު ކެއުމަކަށް އިންސާފުކޮށް ވާހަކަދައްކާލުމުގެ ބަދަލުގައި ގިނަ ބަޔަކަށް މިއަދު ކޮއްޓާލަން އިދެވެނީ ފޯނާ އެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ އަވަށެއް ކަމަށްވާ ރޯޔަލް ލެމިންގްޓަން ސްޕާގައި ހުންނަ ރެސްޓޯރެންޓަކުން މިވަނީ ކާ ގަޑީގައި ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ.

ނުވަ ފޫޓު ނުވަ ފޫޓުގެ ކުޑަ "ޖަޕަނީސް ޑެލީ އުރަޑޭޒް" ނަމަކަށްކިޔާ އެ ރެސްޓޯރެންޓް ބޭރުގައި ފޯނު ބޭނުން ނުކުރުމަށް އެދި ބޯޑެއް ވެސް ހަރުކޮށްފައި ހުރެ އެވެ.

ރެސްޓޯރެންޓުގެ ވެރިޔާ އަދި ބޮޑު ކައްކާ، ޑެރެން ޔޭޓްސް ބުނި ގޮތުގައި، ކެއުމަށް އިންސާފުކުރަން ހޭދަވާ ދެ ގަޑިއިރުގެ ތެރޭގައި ވެސް މުހިއްމުކަން ދޭންޖެހޭނީ ވާހަކަ ދެއްކުމަށެވެ.

"ކޮންމެ އާއިލާއެއްގެ ވެސް ކާ ވަގުތަކީ އެކަކު އަނެކަކާ ބައްދަލުވެ، އެ ދުވަހެއްގެ ވާހަކަތައް ހިއްސާކޮށްލަން ލިބޭ ވަރަށް މުހިއްމު ވަގުތުކޮޅެއް. އެއީ ފޯނާ ކުޅެންވީ ވަގުތެއް ނޫން،" ޔޭޓްސް ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ކޮންމެހެން މަޖްބޫރުވެގެން ފޯނު ނެގުމަކީ އޭނާގެ މައްސަލައެއް ނޫނެވެ. އަދި ކާ ގަޑީގައި ފޯނުން ފޮޓޯ ނެގުމަކީ އޭނާ އުފާވާ ކަމެއް ކަމަށާއި ނަމަވެސް އޭނާގެ ރެސްޓޯރެންޓުގައި މެސެޖްކޮށް ޓުވީޓްކޮށް ފޯނުން އެހެން މީހަކާ ވާހަކަދެއްކުމާ ދެކޮޅު ހަދާކަމަށް ބުނެފައިވެ އެވެ.

ކިޔެވުމުގައި ގިނަ އަހަރުތަކެއް ޖަޕާނުގައި ހޭދަކޮށްފައިވާ ޔޭޓްސް ބުނީ، އިނގިރޭސި ވިލާތާއި އޭޝިއާގެ ސަގާފަތާ ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށާއި ޖަޕާނުގެ ރެސްޓޯރެންޓްތަކުގައި ފޯނު ބޭނުންކުރުން މަނާކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ކަމަށެވެ.

އޭނާ ބުނާ ގޮތުން، ފޯނު ބޭނުންކުރުން މަނާކުރުމުން އޭނާގެ ވިޔަފާރިއަކަށް އޭގެ އަސަރެއް ނުކުރެ އެވެ. އަދި އެ ގަވާއިދާމެދު ހިތްހަމަނުޖެހޭ މީހުން ރެސްޓޯރެންޓް ދޫކޮށް ދިއުމަށް މަރުހަބާ ކިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.

މައުލޫމާތު: ދަ އިންޑިޕެންޑެންޓް