މެދުތެރޭ އޭޝިޔާގައި އޮންނަ ގައުމެއް ކަމުގައިވާ ތުރުކުމެނިސްތާނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ދުންފަތް ހިމެނޭ ބާވަތްތަކުގެ ވިޔަފާރި ކުރުން މަނާކޮށްފި ކަމަށް ރިޕޯޓު ކުރެވިއްޖެ އެވެ.

އެ ގައުމުގެ މީޑިއާ އަކީ އެ ގައުމުގެ ދައުލަތުން ވަރަށް ބޮޑަށް ކޮންޓްރޯލު ކޮށްފައިވާ އެއްޗެއް ކަމުން، މިކަމުގެ ޚަބަރު ދުނިޔެއަށް މާ ބޮޑަށް ފެތުރިފައި ނުވި ނަމަވެސް، އެ ގައުމުގެ ބަޔަކު ދަނީ އޮސްޓްރިޔާގައި ތިބެގެން، އެ ގައުމުގެ ބައެއް ޚަބަރުތައް ފަތުރަމުންނެވެ. ކްރޯނޯ ޓީއެމް ނަމަކަށް ކިޔާ އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ތުކުރުމެނިސްތާނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރީ، އެ ގައުމުގެ ރައީސް ނެރުއްވި ޤަރާރަކުންނެވެ.

އެ ގައުމުގެ ރައީސް ގުރްބަންގުލީ ބަރްދީ މުހައްމަދޫ ނެރުއްވި ޤަރާރުގައިވާ ގޮތުން، ދުންފަތް ހިމެނޭ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކްރޯނޯ ޓީއެމް އިން ރިޕޯޓު ކުރާ ގޮތުން، މީގެ ކުރިން ތުކުރުމެނިސްތާނުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް އެ ޤައުމުގެ ސަރުކާރުން ކުރި ނަމަވެސް، އެ ކެމްޕޭނުގެ ތެރެއިން ދުންފަތް ވެސް އެޤައުމުން ނައްތާލުމަށް ޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުގައި ދުންފަތް މަނާ ކުރެވުމާ އެކު އެ ގައުމުގެ ކޮމިއުނިޓީ ހެލްތު އޭޖެންސީއިން ވަނީ ފިހާރަތަކަށް ޒިޔާރަތްކޮށް، އެތަންތަނުގައި ވިއްކަން ބަހައްޓާފައި ހުރި ދުންފަތުގެ ހުރިހާ ބާވަތަކާއި ސިނގިރޭޓް ފޮށިތައް އަތުލައިފަ އެވެ.

މިއާ އެކު، އެ ގައުމުގައި ސިނގިރޭޓާއި ދުންފަތަށް ބްލެކް މާކެޓެއް ވެސް ވަނީ އުފެދިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ދުންފަތުގެ ބާވަތްތަކުގެ އަގު އެ ގައުމުގައި މިހާރު ވަނީ 12 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.

ތުރުކުމެނިސްތާނަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ ގޮތުން އެންމެ ބޮޑަށް "ބަންދު" ކުރެވިފައިވާ އެއް ޤައުމެވެ. އެޤައުމުގެ ސަރުކާރުން އިންސާނީ އަދި މަދަނީ ހައްޤުތަކަށް އިހްތިރާމު ނުކުރާ ކަމަށް ދުނިޔޭގެ އިންސާނީ ހައްޤުތަކާ ބެހޭ ޖަމާޢަތްތަކުން ބުނާ އިރު، އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ އެވެ.

ތުރުކުމެނިސްތާނުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ޖައްވަށް ސެޓެލައިޓެއް ލޯންޗު ކުރި ނަމަވެސް އެ ގައުމުން ވަނީ ހަމަ އެ މަހުގެ ތެރޭގައި ސެޓެލައިޓް ޑިޝް ބޭނުންކުރުން މަނާ ކޮށްފަ އެވެ. އަދި އެވަގުތު އިންސްޓޯލް ކުރެވިފައިވާ ސެޓެލައިޓް ޑިޝްތައް ނެގުމަށް އަންގައި، އެ ޤައުމުގެ ސަރުކާރުން ވަނީ ބޭރު ދުނިޔޭގެ ޓީވީ ޗެނަލްތައް ފަދަ މީޑިޔާ ވަސީލަތްތައް ރައްޔިތުންނަށް ލިބެން އޮތް ޒަރިއްޔާ "ނެތިކޮށްލައިފަ" އެވެ.

ތުރުކުމެނިސްތާނަކީ ސޯވިއެޓް ޔޫނިއަން ރޫޅުމާއި އެކު، އެ އިއްތިހާދުން ވަކިވެ، މިނިވަން ދައުލަތެއް ޤާއިމުކުރި ޤައުމެކެވެ.