17 Jan 2016, 01:22
ގދ. ތިނަދޫގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ އޮފީހެއް ހުޅުވައިފިއެވެ.
ހޮނިހިރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫ އެމްޑީއޭ އޮފީސް ހުޅުވައިދެއްވީ، އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި އެ ޕާޓީގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާއެވެ.

ގދ. ތިނަދޫގައި އެމްޑީއޭގެ އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އެމްޑީއޭ
ތިނަދޫގައި ޕީޕީއެމްގެ އޮފީސް ހުޅުވުމުގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި، ތިނަދޫ އެމްޑީއޭ ގޮފީގެ ރައީސް ޝަހާއުﷲ ޝަމީމާއި ތިނަދޫ އެމްޑީއޭ ފަހި ގޮފީގެ ރައީސާ އާމިނަތު ނަސީމާ އަށް އެ ޕާޓީން ވަނީ ޝުކުރު ދަންނަވާފައެވެ.
ހޮނިހިރު ދުވަހު ހަވީރު 5:00 ގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ބައިވެރިވެވަޑައިގަތެވެ.

ގދ. ތިނަދޫގައި އެމްޑީއޭގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވާހަކަދައްކަވަނީ -- ސަން ފޮޓޯ: އެމްޑީއޭ
އެ ރަސްމިއްޔާތުގައި ސައުދުﷲ ވިދާޅުވީ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި ޚާއްސަކޮށް ސިޔާމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށެވެ. އަދި އެމްޑީއޭގެ އޮފީހެއް ތިނަދޫގައި ހުޅުވިގެން ދިޔުމުން ތިނަދޫއަށް ފައިދާތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެމްޑީއޭގެ ގދ. ތިނަދޫ އޮފީސް ކައިރީ އެ ޕާޓީގެ ދެ ޑެޕިއުޓީ ލީޑަރުން -- ސަން ފޮޓޯ: އެމްޑީއޭ
ހަމައެންމެ ސިޔާމަކީ މީދޫ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި އެމްޑީއޭގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެރަށުގައި އުޅޭ ޕީޕީއެމްގެ ސަޕޯޓަރުންވެސް ވަނީ ބައިވެރިވެފައެވެ.