17 Jan 2016, 01:06
ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ، "އެމްޑީއޭ ޔޫތު ޗެލެންޖް ފުޓްސަލް މުބާރާތު"ގެ ފައިނަލް މެޗުގައި ތިނަދޫ ބަރާސިލް ޓީމާ ވާދަކޮށް "ކާނޑެއްދޫ އޭއޯ" ޓީމް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ތިނަދޫ ސްޓޭޑިއަމްގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ކާޑެއްދޫ އޭއޯ ޓީމުން ހޯދީ ތިނަދޫ ބަރާސިލް ޓީމްގެ މައްޗަށް 5-2 ލަނޑުގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ.
އެމްޑީއޭއިން އިންތިޒާމްކޮށްގެ ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި، ތިނަދޫ އާއި ކާނޑެއްދޫގެ އިތުރުން، ރަތަފަންދޫ، މަޑަވެލި އަދި ހޯޑެއްދޫއިން ޖުމުލަ 18 ޓީމް ވަނީ ބައިވެރިވެފައެވެ.
މި އަހަރު މުޅިން އަލަށް ހުޅުވާލި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މުބާރާތުގެ ފެއަ ޕްލޭ ޓީމަކަށް ހޮވުނީ، ތިނަދޫ ޖޫނިއާސްއެވެ.
ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފެއެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާއާއި މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އެމްޑީއޭގެ ކައުންސިލް މެންބަރު ގާދިރު ބައިވެރިވެވަޑައިގަތެވެ.
އެމްޑީއޭއިން ބުނީ، އެ ޕާޓީން ގދ. އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހާއި، އެކުވެރިކަމާއެކު އެއްބާރުލުން އުފެއްދުމަށްޓަކައި ކުރިއަށް ގެންދިޔަ މި މުބާރާތް މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.