ފެޑަރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހޯދަން ބޭނުންވާ ބޮޑެތި ކުށްވެރިންގެ ތެރެއިން ކުށްވެރިއަކު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

އެފްބީއައި އިން ހޯދަން ބޭނުންވާ ބޮޑެތި 10 ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މައިލޯ ޖަގޮރީ މޭސަން ނުވަތަ މަޝްހޫރު ނަމުންނަމަ "ސްކްރީމް ރޮބާ" އަތުލައިގަނެފައި މިވަނީ، ހޯދަމުންދާ ލިސްޓުގައި ހިމެނިތާ އެއް މަސް ދުވަސް ވެސް ނުވަނީހެވެ.

އެފްބީއައިގެ "10 މޯސްޓް ވޯންޓެޑް" ލިސްޓުގައި މޭސަން ހިމަނާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އޭނާ އަތުލައިގަތުމަށް އެހީތެރިވާ ފަރާތަކަށް އެފްބީއައިން އެއް ލައްކަ ޑޮލަރުގެ އިނާމެއް ވެސް ހުށަހެޅި އެވެ.

ގަސްތުގައި މީހަކު މަރަން އުޅުނު ކަމާއި ބޮޑެތި ވައްކަންތަކެއް ކުރިކަމުގެ ތުހުމަތުތަކެއް ކުރެވޭ މޭސަން، 25 ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ހުޅަނދު މެދުތެރޭގައި އޮންނަ ކޮލޮރާޑޯ ސްޓޭޓުގައި ހުންނަ މޮޓެލަކުން މިދިޔަ ހުކުރު ދުވަހު އެވެ.

އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮލޮރާޑޯގެ އުތުރު މެދުތެރޭގައި އޮންނަ ސިޓީ އެއް ކަމަށްވާ ލޭކްވުޑްގައި ހުންނަ ބޭންކެއް ފަޅާލުމުގައި މޭސަން ބައިވެރިވެފައިވާކަން ގަބޫލުކުރެވޭ ކަމަށެވެ.

އޭނާއާ އިތުރު ދެ މީހަކު ވެގެން އެ ބޭންކުން ވައްކަން ކޮށްފައިވަނީ، 1996 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު، "ސްކްރީމް"ގައި އުޅޭ މީހުން މަރާ މީހާ އަޅާ ހެދުމާއި މާސްކް އަޅައިގެންނެވެ.

މީގެ އިތުރުން ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޭސަންއާ އިތުރު ދެ މީހަކު ވެގެން ލޭކްވުޑްގައި ހުންނަ އެހެން ބޭންކަކުން ވެސް ހަމަ އެކަހަލަ މޫނު މައްޗެއް އަޅައިގެން ވައްކަން ކޮށްފައިވާ ކަމުގެ ތުހުމަތެއް ވެސް އޭނާގެ މައްޗަށް އުފުލާފައިވާ ކަމަށް އެފްބީއައި އިން ބުނެއެވެ.

އެ ދެ ވައްކަމުގެ މައްސަލައިގެ އިތުރުން، މީހުން ވަގަށްނެގުމާއި ބޮޑެތި މާރާމާރީ ތަކުގެ ތުހުމަތުތަކެއް ވެސް އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

މޭސަން އަކީ އެފްބީއައި އިން 1950 ވަނަ އަހަރު އުފެއްދި "މޯސްޓް ވޯންޓެޑް" ލިސްޓުގައި ހިމެނި 505 ވަނަ މީހާއެވެ.