17 Jan 2016, 08:44
ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ފަހު ވާ ހުރިހާ އުނދަގުލެއް ހިއްސާ ކުރުމާ އެކު ޑޮކްޓަރު އަވަހަށް ގޫގޫލް ސާޗު ކޮށްލި އެވެ. އެއަށް ފަހު ބަލިމީހާއަަށް ވާ އުނދަގުލަށް ހަދާނީ ކިހިނެއްތޯ ގޫގުލްއިން ބަލަން ފެށި އެވެ. ބަލިމީހާ ގައިގެ ކަށިގަނޑު ވެސް ޖައްސާނުލައި ޑޮކްޓަރު ބޭސް ލިޔަން ފެށީ ގޫގުލް ސާޗް ކޮށްގެންނެވެ. މިއީ ރާއްޖޭގެ ޑޮކްޓަރުންގެ ހާލަތާ ގުޅޭ ގޮތުން މީހުން ދައްކާ ވާހަކައެކެވެ.
ޑޮކްޓަރުންގެ ފެންވަރު ނެތް ފަރާތްތައް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކަކީ ޒަމާންވީ ވާހަކަތަކެކެވެ. ރާއްޖެ އިން ބޭރުން ޑޮކްޓަރުންގެ ނަމުގައި އަންނަ މީހުންގެ ފެންވަރު ނެތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަދި އެއީ ސިއްހީ ނިޒާމުގެ ތެރޭގައި އެތައް ދުވަހެން ވަންދެން މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރުން ވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ސަންއަށް މައުލޫމާތު ހިއްސާކުރި ރާއްޖޭގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ "ބައެއް ބިދޭސީ ޑޮކްޓަރުންނަށް ޑޮކްޓަރުންނޭ ކިޔަންވެސް ހެޔޮ ނުވާނެ،" އެވެ. ސިއްހީ ދާއިރާގެ ތެރެއިން އެހާ ފެންވަރު ދަށް ޑޮކްޓަރުން ރާއްޖޭގައި ހަރަކާތްތެރިވަމުން އައިކަމަށް ދިވެހި ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
މީގެ ދެތިން އަހަރު ކުރިއަށްބަލާ އިރު ރަނގަޅު ނިޒާމެއް ނެތި ޑޮކްޓަރުން ރާއްޖެ އަށް ގެންނަން ފެށުމުން ރާއްޖެ ވެގެންގޮސްފައި ވަނީ ފޭކް ޑޮކްޓަރުންގެ ހާއްޔަކަށެވެ. މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗްއަށް ގެނައި އެތައް ޑޮކްޓަރެއްގެ ފަރާތުން ނުކިއްސަރު ކަންކަން ފާހަގަ ކުރެވި އެ ޑޮކްޓަރުން އެހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ދެން ކަން ވެގެން އޭރު ގޮސްފައި ވަނީ މާދެރަގޮތަކަށެވެ. އައިޖީއެޗްގައި މަސައްކަތްކުރި ފެންވަރު ދަށް ޑޮކްޓަރުން އެހޮސްޕިޓަލުން ވަކިކޮށް ދެން ފޮނުވަން ފެށީ އަތޮޅުތެރޭ ރަށްރަށަށެވެ. ނަތީޖާ އަކަށްވީ ތަންދޮރު ނުދަންނަ އެތައް ޑޮކްޓަރުންނެއް އަތޮޅު ތެރޭ ރަށްރަށުގައި މަސައްކަތް ކުރަން ފެށުމެވެ. އެތައް ގޯހެއް ހަދަމުންދިޔަ ކަމެވެ.
އިސްވެ ފާހަގަ މިކުރި ކަންތަކަށް ބަލާ އިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި ކަންކަން ހިނގާފައިވާ ދޯހަޅި ކަންކަން ހާމަވެ އެވެ. ދުޅަހެޔޮ ސިއްހަތެއް ކޮންމެ މީހަކަށް ވެސް ބޭނުންވާ އިރު އެކަން ޔަގީންކޮށްދޭންތިބި ޑޮކްޓަރުން ތެރޭ "ފޭކް" ބައެއް ތިބުމުގެ ކަންބޮޑުވުން އޮތް ކަން ފާހަގަވެ އެވެ. ސުވާލަކީ މިހާރު ވެސް އެކަންކަން އޮތީ އެހާލަތުގައު ތޯ އެވެ؟
ރަނގަޅު ފިޔަވަޅުތައް ވަނީ އަޅާފައި!
ރާއްޖެއަށް ޑޮކްޓަރުން އެތެރެ ކުރާގޮތާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބިދޭސީން އެތެރެކުރާ ގޮތާއި މާ ބޮޑު ތަފާތެއް މީގެ ކުރިންނެތެވެ. ސަބަބަކީ އެ ދެ ބޭނުމަށް ވެސް މީހުން އެތެރެ ކުރަނީ އެޖެންޓުން މެދުވެރިކޮށް ކަމަށްވާތީ އެވެ. އޭޖެންޓުން މެދުވެރިކޮށް ޑޮކްޓަރުން ގެނައުމުގެ ނަތީޖާ އަކަށް ވެފައި ވަނީ ފޭކް ޑޮކްޓަރުންނަށް ފަސޭހައިން ރާއްޖެ އައުމުގެ ފުރުސަތު ލިބުމެވެ. އޭޖެންޓުން މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ގެނައުމަށް ވުރެ ބޮޑަށް އެ އޭޖެންޓުންނަށް ގިނަ ފައިސާ ދޭ މީހުން ގެނައުމަށެވެ. އެއީ އެމީހުންގެ އާމްދަނީ އިތުރު ވާތީ އެވެ.
ރާއްޖެ އަށް ފޭކް ޑޮކްޓަރުން އެތެރެވާ އެހެން ސަބަބެއް ވެސް އެބަވެ އެވެ. އެއީ މެޑިކަލް ކައުންސިލުން ޑޮކްޓަރުންގެ ފެންވަރު ބަލާ އިރު އެ ޑޮކްޓަރަކު ހުށައަޅާ ސެޓްފިކެޓަށް އެކަނި ބަލަމުން އައުމެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެކަން އޮތީ އެ ގޮތުގަ އެވެ. އިންޑިއާ ޕާކިސްތާން ފަދަ ގައުމުތަކުގައި ފޭކް ސެޓްފިކެޓެއް ހައްދާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތަށް އެކަން އޮތުމަކީ ވެސް ރާއްޖެ އަށް ފޭކް ޑޮކްޓަރުން އައުމުގެ އެއް އަސްލެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފޭކް ޑޮކްޓަރުން ރާއްޖެ އަޔަ ނުދިނުމަށް ހަމައެކަނި ސެޓްފިކެޓަށް ބަލައިގެން ޑޮކްޓަރުން އެތެރެ ކުރުން ހުއްޓާލަންޖެހެ އެވެ. އޭގެ ބަދަލުގައި ލައިސެންސިއޭޓިވް އެގްޒާމްތައް ބާއްވަން ޖެހޭ ކަމަށް ތަޖުރިބާރުން ވިދާޅުވެ އެވެ. އެގޮތަށް އަމަލު ކުރަން މިހާރު އެވަނީ ފަށައިފަ އެވެ.
މިހާތަނަށް ރާއްޖޭގައި އެޓެސްޓް ހެދި 17 ޑޮކްޓަރުންގެ ތެރޭގައި ފާސްނުވާ ހަތަރު ޑޮކްޓަރުން ތިއްބެވެ. ފާސްނުވާ ފަރާތްތަކަށް ޕުރޮބޭޝަން މުއްދަތެއް ވަނީ ދީފަ އެވެ. އެޑޮކްޓަރުން އެ މުއްދަތުގެ ތެރޭގައި އެޓެސްޓުން ފާސްވާންޖެހެ އެވެ.
މެޑިކަލް ކައުންސިލްގެ މެންބަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފު ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މެޑިކަލް ކައުންސިލުގައި ރެޖިސްޓްރީ ކުރާ ހުރިހާ އެމްބީބީއެސް ޑޮކްޓަރުން ވެސް ފެންވަރު ހުރިތޯ ބެލުމަށް ރާއްޖޭގައި ލައިސެންސިއޭޓް އެގްޒާމެއް ބާއްވަ އެވެ. އެ ޓެސްޓުން ސްޕެޝަލިސްޓް ޑޮކްޓަރުން އިސްތިސްނާވާނެ އެވެ.
އަހަރަކު ތިން ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިމްތިހާނުގެ ފުރަތަމަ ބުރު ފަށައި ބައެއް ޑޮކްޓަރުން މިހާރު ވަނީ ޓެސްޓް ހަދައިފަ އެވެ. އިމްތިހާނުގައި ބައިވެރި ނުވާ ޑޮކްޓަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ދީފައިވާ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ޑޮކްޓަރު އަފީފު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޝިފުޒާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ ގެންނަ ޑޮކްޓަރުން ރާއްޖެ ގެންނަމުންދަނީ ޓެސްޓްތައް ހަދައި ފާސްވުމުން ނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފޭކް ޑޮކްޓަރުން މިހާރު ދިމައެއް ނުވޭ!
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ފޭކް ޑޮކްޓަރުން ތިބުމަކީ ވަރަށް ދުރު ކަމެކެވެ. އެމައްސަލަ ހައްލު ކުރަން މިހާރު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ހަބީބު ވިދާޅުވި އެވެ.
ހަބީބުގެ ވާހަކަތަކަށް ސިއްހީ ދާއިރާގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް އެއްބަސްވެ އެވެ. ހއ. ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވި ގޮތުގައި މީގެ ކުރިން ފޭކް ޑޮކްޓަރުންނާ ދިމާވި ނަމަވެސް މިހާރު އެ މައްސަލައާ ކުރިމައްޗެއްނުވެ އެވެ. މިހާރު އެގެންނަ ޑޮކްޓަރުންގެ ފެންވަރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޭކް ޑޮކްޓަރުން މިހާރު އުޅޭ ކަމަށް ފާހަގައެއް ނުކުރެވޭ، މިހާރު ވަރަށް ރަނގަޅަށް ބަލާ." މުހައްމަދު ހަސަން ވިދާޅުވި އެވެ.
މީގެ ކުރިން ޑޮކްޓަރަށް ދައްކަން ދާއިރު އެއީ ކިޔަވައިގެން ހުރި މޮޅު ޑޮކްޓަރެއްތޯ ނުވަތަ ފޭކް ސެޓްފިކެޓްތަކެއް ހިފައިގެން އުޅޭ ޑޮކްޓަރެއްތޯ ހިތުތެރޭ އުފެދިފައިވާ ޝައްކުތަކަށް ނިމުމެއް މިވަނީ ގެނެސްދީފަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި ފަހަކާ ޖެހެންދެން ވެސް ފޭކް ޑޮކްޓަރުން ތިބި ނަމަވެސް މިހާރު އެކަން ހަރުދަނާ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރީން އެވަނީ ބުނެފަ އެވެ.