17 Jan 2016, 00:00
މުމްބާއީ (ޖެނުއަރީ 16)- ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ހިތްވަރު ދިނުމާއި ބާރުވެރިކުރުމުގެ ގޮތުން، އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީ ސިޓީގައި އެތަކެއް ސަތޭކަ އަންހެން ޑްރައިވަރުންނަށް އޮޓޯ-ރިކްޝާ ނުވަތަ ޓުކް-ޓުކް ދުއްވުމުގެ ހުއްދަ ދީފިއެވެ.
އެސިސްޓެންޓް ރީޖަނަލް ޓްރާންސްޕޯޓް އޮފިސަރު ރާޖެންދުރަ ނަވާލޭއާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވަނީ، މުމްބާއީ މެޓްރޯޕޮލީޓަން ސަރަހައްދުން މަދުވެގެން 467 އަންހެނަކާއި ވެސްޓަރން މަހަރާޝްތުރަ ސްޓޭޓުން 100އަށް ވުރެ ގިނަ އަންހެން ޑްރައިވަރުންނަށް މިހަފްތާ ތެރޭ އޮޓޯ ރިކްޝާ ދުއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
"މީގެ ސަބަބުން އަންހެނުންނަށް ވަޒީފާތައް އިތުރުވެ، އެމީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ،" ރާޖެންދުރަ ނަވާލޭ ވިދާޅުވިއެވެ.
"ބޭރު ގައުމުތަކުގައި ވެސް އަންހެނުން ޓެކްސީކުރޭ. އަހަރެމެން ބޭނުންވަނީ މިތަނުގައި ވެސް އަންހެނުންނަށް އިތުބާރު ލިބި، އާމްދަނީ ހޯދޭނޭގޮތް ފަހިކޮށްދިނުން. އެހެންކަމުން އަހަރެމެން އެދެން ވީހާވެސް ގިނަ އަންހެން ބޭފުޅުން މި ހުއްދައަށް އެދި ހުށަހެޅުން."
އަންހެން ޑްރައިވަރުން ދުއްވާ ޓުކް-ޓުކްތައް ފިޔާތޮށިކުލަ، ޕީޗްކުލަ، ނުވަތަ ރީނދުލާއި ކަޅުކުލައިން ޕެއިންޓްކޮށް، މުމްބާއީގެ ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވަން ފެށުމުން އެއީ އަންހެން ފަސިންޖަރުންނަށް ހާއްސަ ޓެކްސީތަކެއްކަން ފަސޭހައި ދެނެގަނެވޭނޭ ކަމަށްވެސް ނަވާލޭ ވިދާޅުވިއެވެ.
މުމްބާއީ އާއި ދިއްލީގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރާލެއް އިތުރުވެފައި ވުމުގެ ސަބަބުން، އެ ސަރަހައްދުގެ އަންހެނުން އާންމުކޮށް ދަތުރުކުރަނީ، އަންހެނުންނަށް ހާއްސަ ޓްރެއިން ފަދަ ތަކެތީގައެވެ.
އިންޑިއާގައި ކުރެވިފައިވާ ތަފާތު ދިރާސާތަކުން ދައްކާގޮތުގައި، އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމާއި އެބައިމީހުން ވަޒީފާތަކަށް ދިއުމުގައި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން، ރައްކާތެރި ދަތުރުފަތުރުގެ ނިޒާމެއްގެ މުހިއްމުކަން ވަރަށްބޮޑެވެ.
ދިއްލީގައި 2012 ވަނަ އަހަރު، ޒުވާން އަންހެނަކު، ބަހެއްގެ ތެރޭގައި ގޭންގަކުން ރޭޕްކުރި ހާދިސާއަށްފަހު، އިންޑިއާގައި ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، އިތުބާރު ގެއްލިފައެވެ. އަދި އެހާދިސާއާ ގުޅިގެން އިންޑިއާގެ އެކިކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކަށްފަހު، އަންހެނުންނަށް ޖިންސީ ފުރައްސާރަކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެގައުމުގައި ވަނީ، ގާނޫނުތަކެއްވެސް އެކުލަވައިލައިފައެވެ.
ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުން 2014 ވަނަ އަަހަރު ދުނިޔޭގެ ބޮޑެތި 16 ސިޓީއެއްގައި ކުރި ދިރާސާއަކުން ދައްކާގޮތުން، އަންހެނުންނަށް އެންމެ ނުރައްކާތެރި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އޮތީ ދިއްލީގައެވެ.
--މައުލޫމާތު: ރޮއިޓާސް