ވ. ކެޔޮދޫ ބަށިގަސްދޮށުގޭ އަބްދުﷲ އަނީސް )އަތްބަޅޭ(ގެ ކަށިތައް ކަމަށް ސަރުކާރުން ބުނާ ކަށިތައް ހިންމަފުށީ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނުނު މައްސަލައިގެ ތަހްގީގު ކުރިއަށްދަނިކޮށް، އެ މައްސަލައާ ގުޅޭ ފައިލްތަކެއް ގެއްލިފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބެލުމަށް އެކުލަވާލެއްވި ރިޔާސީ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބަދަލުގެންނަވައިފި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ސަން އޮންލައިނަށް ދެއްވި އިންޓަވިއެއްގައި މިއަދު ވިދާޅުވީ ހިންމަފުށީ ގާމާދޫގެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނުނު މައްސަލައާ ގުޅިގެން އެ މައްސަލަތައް ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2009 ވަނަ އަހަރު އުފެއްދެވި ކޮމިޝަންގައި މިހާރު ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ ހެންވޭރު ތަނޑިރަތްމާގޭ އަމީން ފައިސަލާއި ހެންވޭރު ސީސައިޑް ޑރ. އަހްމަދު އަލީ ސަވާދާއި ހެންވޭރު ޝަފީޤުގޭ މުހައްމަދު ޝަފީގު ކަމަށެވެ.

އެ ކޮމިޝަންގައި ކުރިން ތިއްބެވީ، އަމީން ފައިސަލްގެ އިތުރަށް ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހާޝިމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިނާއި ސޮލިސިޓާ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

ޒުހެއިރު ވިދާޅުވީ ގާމާދޫ ޖަލުގެ ސަރަހައްދުން ފެނިފައިވާ ކަށިތަކަކީ އަބްދުﷲ އަނީސް )އަތްބަޅޭ(ގެ ކަށިތައް ކަމުގައި ފާހަގަކުރެވޭ އެތަކެއް ޤަރީނާއެއް ފެނިފައިވާ ކަމަށާއި އެކޮމިޝަނަށް ބަދަލުގެންނެވީ އެ މައްސަލަ އިތުރަށް ބެލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނިކޮށް، ޑީޕީއާރުއެސް އިން ނާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކަމާ ބެހޭ ލިޔުންތައް ގެއްލިފައިވާތީ ކަމަށެވެ.

"ކޮމިޝަނަށް ބަދަލުގެންނެސްފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް އައިސްފައިވާ ގޮތުން. ކުރިން އޮތް ކޮމިޝަނުން އެ މައްސަލަ ތަހްޤީޤް ކުރުމަށް އަތްބަޅޭ ޖަލުގައި ހުރި އިރު އޭނާ އާ އެކު ޖަލުގައި ހުރި ކުށްވެރިންގެ ލިސްޓް ހޯދުމަށް ޑީޕީއާރުއެސްގައި އެދުނު ނަމަވެސް އެލިސްޓް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. މީގައި އެކޮމިޝަންގެ މައްސަލައެއް ނެތް. މިހާރު ކޮމިޝަނަށް ބޭނުން ވަނީ ޤާނޫނީ ސަލާމަތީ އަދި ތާރީހީ ބޭފުޅުން. އެހެންވެ އެބަދަލު ގެންނެވީ،" ޒުހެއިރު ވިދާޅުވި އެވެ.

އެ މަސަލައާ ގުޅުން ހުރި ފައިލްތައް މިހާތަނަށް ވެސް ފެނިފައިނުވާ ކަމަށް ޑީޕީއާރުއެސް އާއި ފުލުހުންގެ ފަރާތުން މައުލޫމާތުދީފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތަހްޤީޤަށް ހުރަސްއަޅައި މައުލޫމާތު ސިއްރުކޮށް ފޮރުވާ ފަރާތްތަކެއް މިކަމުގައި ހިމެނޭކަމުގެ ތުހުމަތު ކުރެވޭތީ، އެކަން ބެލުމަށް އެކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ބަންދުގައި ތިބި މީހުންގެ ތެރެއިން ވީނުވީ ގޮތް ނޭނގޭ ގޮތަކަށް ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ބަންދުގައި ތިއްބައި އިންސާނީ ހައްޤުތަކާ ހިލާފު ހާނިއްކަ އާއި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި އެފަދަ މައްސަލަތަކާ ގުޅުން ހުރި ލިޔެކިޔުން ފޮރުވައި އަދި ނައްތާލާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހްޤީޤުކޮށް، އެކަމެއް ރިޕޯޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުން އެއީ އެ ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

ރިޔާސީ ކޮމިޝަނަކީ، ތަހްޤީޤަށް ޓަކައި ބަންދުކޮށްފައިވާ މީހުންނަށް ޖަލުތަކުގައި އަނިޔާކުރާކަމުގެ ޝަކުވާ އާއި ޤާނޫނު އަސާސީ އާއި ޤާނޫނާއި ގަވާއިދާ ހިލާފު އަމަލުތަކެއް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާކަމުގެ ޝަކުވާ ރައީސަށް ލިބިވަޑައިގަތުމާ ގުޅިގެން، އެ މައްސަލަތައް ބަލައި މުސްތަޤިއްލު ގޮތެއްގައި ތަހްޤީޤުކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނެކެވެ.