16 Jan 2016, 23:42
އުތުރު.ކޮމް ގެ ފަރާތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އިންތިހާބްވެފައިވާ މިއުސަމް އައްބާސް، އެ ކައުންސިލްގެ މެމްބަރު ކަމުން ވަކިކޮށްފި އެވެ.
ސަން އަށް އެނގިފައިވާގޮތުގައި އޭނާ މަގާމުން ވަކިކުރީ މިރޭ ބޭއްވި އެކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މީޑިއާ ކައުންސިލްގެ ގާނޫނު ބުނާގޮތުން ކައުންސިލްގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން މެމްބަރަކު މަގާމުން ވަކިކުރެވޭނެއެެވެ.
އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) މިރޭ ސަން އަށް ވިދާޅުވީ، މިއުސަމް މަގާމުން ވަކިކޮށްފައިވަނީ އެކައުންސިލްގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލްވާ މެމްބަރުންނާއިމެދު ފިޔަވަޅު އެޅުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.
"މީޑިއާ ކައުންސިލްގެ މަސައްކަތްތައް ކުރުމުގައި ބައިވެރިނުވުން، އިހުމާލުވުން، ހަމައެއާއެކު ހާޒިރީގެ މައްސަލަތައް ވަރަށް ބޮޑުވެފައިވާތީ،" މޮންދު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ކޮމެޓީތަކާއި ބައްދަލުވުންތަކުގެ ހާޒިރީއަށް ބަލާއިރު މިއުސަމް އުޅެނީ ވަރަށް ދަށުގައި ކަމަށްވެސް މޮންދު ވިދާޅުވި އެވެ.
މީޑީއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލްގައި މީޑިއާތަކުން ތަމްސީލުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ތިއްބަވަ އެވެ.