16 Jan 2016, 23:20
މާލޭގައި މޫދަށް އެރެން ހާއްސަކޮށް ހަދާފައިވާ "ޓުރެކް" ސަރަހައްދުން މޫދުތެރޭން ތިޖޫރީއެއް ފެނިއްޖެ އެވެ.
މިރޭ ފެނިފައިވަނީ ކަޅު ކުލައިގެ ކުޑަ ތިޖޫރީއެކެވެ. އެތިޖޫރީ ތެރޭގައި ތަފާތު ލިޔުންތަކެއް ހުއްޓެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެއީ ފުލުހުން ތަހުގީގް ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ ތިޖުރީއެއް ކަމަށާއި އެހެން ނަމަވެސް ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

އެތިޖޫރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މޫދުން ތިޖޫރީއެއް ފެނިފައިވާއިރު ދާދި ފަހަން ވަނީ މާލޭގައި ބޮޑެތި ވައްކަންތަކެއް ކޮށްފައެވެ. މީގެ ހަފްތާއެއްގެ ކުރިން ވިލާ ކޮލެޖުގެ ދެ ތިޖޫރީއެއް ފަޅާލައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވެސް ވަނީ ވަގަށް ނަގާފައެވެ.
އޭގެ އިތުރުންވެސް ވައްކަމުގެ ގިނަ މައްސަލަތަކެއް ހިނގާފައިވެއެވެ. އޭގެ ތެރޭގައި އައިލެންޑް އޭވިއޭޝަން ފަޅާލައި ކޮށްފައިވާ ވައްކަންވެސް ހިމެނެއެވެ.