16 Jan 2016, 19:53
އަމިއްލަ ރާގުތައް ހިމެނޭ ދިވެހި ލަވަ އަލްބަމެއް ތައްޔާރުކުރުމަށް އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ރީހާން ނިންމައިފިއެވެ.
ރީހާން މިއަދު ސަން އަށް ވިދާޅުވީ، އޭނާ ޕްރޮޑިއުސްކުރާ އެ ލަވަ އަލްބަމް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ އަލްބަމްގައި ހިމެނެނީ ހަމައެކަނި ދިވެހި އަމިއްލަ ރާގުގެ ލަވަތައް ކަމަށެވެ.
އެ އަލްބަމްގެ ލަވަޔާއި ރާގު ހަދާފައި ވަނީ ހުސައިން އިނާޒެވެ. ލަވަތައް ކިޔާފައި ވަނީ ހުސައިން އިނާޒާއި ރާފިޔަތު ރަމީޒާ އާއި އާއިޝަތު އަޝްފާ އާއި މަރިޔަމް އިފާ އަދި އާއިޝަތު ނާޝިދާއެވެ.
ރީހާން ވިދާޅުވީ، އެ އަލްބަމްގައި ތަފާތު އިހްސާސްތައް ގެނުވައިދޭ ލަވަތައް ހިމެނޭނެ ކަމަށާއި އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވަތައް ވެސް ވަރަށް ހިއްގައިމުވާނެ ކަމަށެވެ.
އަންނަ ފެބްރުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ އެ ސީޑީގައި އަށް އޯޑިއޯ ލަވަޔާއި ދެ ވީޑިއޯލަވަ ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.