ގދ. ގައްދޫގައި އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު އޭނާގެ ފިރިހެން ކޮއްކޮގެ ބޮލަށް ވަޅި ހެރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިއަދު ހަވީރު 5:30 ގައި ހިނގި އެ ހާދިސާގައި ޒަޚަމްވި ކުއްޖާއަށް ގައްދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ. ސަން އަށް އެނގިފައިވާގޮތުގައި އެކުއްޖާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ ހަމަލާދިނީ ނަފްސާނީ ބަލިހުންނަ ކުއްޖެކެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ މިހާރު ވަނީ ގައްދޫ ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައެވެ.