16 Jan 2016, 18:51
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގެ ދައުވަތަކަށް ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެވަފުދުގެ ރައީސަކީ ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. އެ ވަފުދުގައި، ވަފުދުގެ ރައީސް މަޢާލީ އައްޝެއިޚް ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އާއެކު ޖުމްލަ ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ:
ފަޟީލަތުއްޝައިޚް އުސާމަތު ބިން ޢަބްދުﷲ އަލްޒައިދު
- އަލްއުސްތާޛު އަޙްމަދު ބިން އިބްރާހީމް އަލްޔޫސުފް
- އަލްއުސްތާޛު ސަޢުދު ބިން ޢަބްދުﷲ އަލްބާބްޠައިން
- ޢަބްދުލް މުޙުސިން ބިން ފަހްދު އަލްޝައިބީ
- އަލްއުސްތާޛު ސަލްމާން ބިން މޫސާ އަލްޙޫދީ
- އަލްއުސްތާޛު އަޙްމަދު ބިން ޙަމޫދު އަލްޝައިޤް

ސަޢޫދީ އަބިއާގެ ޖަސްޓިސް މިނިސްޓްރީގެ ވަފްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެއާޕޯޓުގައި ބައްދަލުކުރައްވަނީ ---- ފޮޓޯ: ޑީޖޭއޭ
ސަޢޫދީ ޢަރަބިއްޔާގެ ޖަސްޓިސް މިނިސްޓްރީގެ ވަފުދަށް އިބްރާހީމް ނާސިރު އިންޓރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ.
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދު ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގެ މަގުސަދަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންކަން ބައްލަވައި ލެއްވުމާއި ދިވެހިރާއްޖޭގެ ޖުޑީޝަރީއާ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ދާއިރާތަކުން މަޝްވަރާކުރެއްވުމެވެ. ސަޢޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަފުދުގެ އެ ދަތުރުފުޅުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރައްވައި، ޖުޑީޝަލް އެކަޑަމީއަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.