16 Jan 2016, 20:05
މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ހުންނަ ވީލާ ކޮލެޖު ފަޅާލައި ދެ މިލިއަންނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވީ ނަމަވެސް އެކަމުގެ އަސަރު ދަރިވަރުންނަށް ކުރިޔަ ނުދޭނެ ކަމަށް އެ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވެއްޖެ އެވެ.
މިއަދު އެ ކޮލެޖުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރެކްޓަރ ވިދާޅުވީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު، ކޮލެޖުގެ ސެކިއުރިޓީން ހިފަހައްޓައި ކޮލެޖުގެ ފާރުމަތިން ފުންމާލުމަށްފަހު ވަގަށް ނަގާފައި ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ކަމަށެވެ.
"ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން ދޭން ބޭނުންވަނީ އެކަމުގެ އަސަރު ދަރިވަރުންނަކަށް ނުކުރާނެ،" ރެކްޓަރ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަމުގެ އެއްވެސް ބުރަކަމެއް ދަރިވަރުންނަށް ނުޖައްސާނެ ކަމަށާއި، ކޮލެޖުގެ ޗެއާމަންގެ އެހީތެރިކަމާއި އެހެނިހެން ގޮތުންވެސް އެކަން ހަމަޖައްސާނެ ކަމަށެވެ.
ވިލާ ކޮލެޖުގެ ދެ ތިޖޫރިއެއް ފަޅާލައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ، ވިލާ ކޮލެޖް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.