16 Jan 2016, 19:45
"ވިލާ ކޮލެޖް ސްކޮލާޝިޕް ސްކީމް 2016" ގެ ދަށުން ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ، ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ.
"ވިލާ ކޮލެޖް ސްކޮލާޝިޕް ސްކީމް 2016" އަކީ ތައުލީމީ ގޮތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއި ކިޔެވުމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސްކޮލާޝިޕް ސްކީމެކެވެ.
އެދަރިވަރަކު އިހްތިޔާރު ކުރާ ދާއިރާއަކުން އެއްވެސް ފީއެއް ދެއްކުމެއްނެތި ކިޔެވުމަށް ފުރުސަތު ލިބޭ ސްކޮލާޝިޕް ބެހިފައިވަނީ ހަތަރު ދާއިރާ އަކަށެވެ. އެއީ:-
1. ވިލާ ކޮލެޖު އޯޕަން ސްކޮލާޝިޕް:މިދާއިރާއިން ހުޅުވާލެވިފައި ވަނީ ފައުންޑޭޝަން ލެވެލްގެ އެއް ސްކޮލާޝިޕާއި ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތަކާ މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތެކެވެ.
2. ވިލާ ކޮލެޖުގެ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލާޝިޕް:މިއީ، އަތޮޅު ތެރޭގައި ހިންގާ ވިލާ ކޮލެޖުގެ ކެމްޕަސް ތަކާއި، ލާނިން ސެންޓަރުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.
3. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕް:މި ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވުނީ ވިލާ ހައި ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން ޑިގްރީ ފެންވަރަށް ކިޔެވުމުގެ ދެ ފުރުސަތެވެ.
4. ވިލާ ކޮލެޖުގެ އެލުމްނައި ސްކޯލާޝިޕް: މިއީ ކޮލެޖުގެ މުސްކުޅި ދަރިވަރުންނަށް ހުޅުވާލެވުނު ސްކޮލަޝިޕް ފުރުސަތެކެވެ. އެ ދާއިރާއިން ހުޅުވާލެވުނީ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތަކާ މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތެކެވެ.
ވިލާ ކޮލެޖުން ހުޅުވާލި 10 ސްކޮލަޝިޕް ފުރުސަތުގައި ހިމެނެނީ މާސްޓާސް އަށް ކިޔެވުމުގެ ދެ ފުރުސަތާއި ޑިގްރީއަށް ކިޔެވުމުގެ ހަތަރު ފުރުސަތު އަދި ފައުންޑޭޝަން އަށް ކިޔެވުމުގެ އެއް ފުރުސަތެވެ. ބާކީ ސްކޮލަޝިޕްތައް ހާއްސަ ކުރެވިފައި ވަނީ އަތޮޅު ތެރޭގެ ކެމްޕަސް ތަކަށެވެ.
ސްކޮލަޝިޕަށް އެދި 32 ދަރިވަރުން ކުރިމަތި ލީނަމަވެސް އޭގެ ތެރޭގައި ރިޕީޓް ވެފައިވާ އެޕްލިކޭޝަނަކާ، އޭސީސީއަށް ކުރިމަތިލާފައިވާ ދެ ފަރާތެއް ހިމެނޭ ކަމަށް ކޮލެޖުން ބުނެ އެވެ. ސްކޮލަޝިޕަށް ހުޅުވާލެވުނު އިރު އޭސީސީއަށް ފުރުސަތު ހުޅުވާލެވިފައި ނުވުމުން އެ އެޕްލިކޭޝަން ވަނީ ބާތިލް ކޮށްފަ އެވެ.
އޭގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕްގެ ބައިން ކުރިމަތިލާފައިވާ ދަރިވަރު ކިޔަވަން ކުރިމަތިލި ކޯހަކީ އެ ކޮލެޖުން ހުއްޓާލަން ނިންމާފައިވާ ކޯހެއް ކަމުން، އެ ދަރިވަރުގެ އެޕްލިކޭޝަންވެސް ވަނީ ބާތިލް ކޮށްފަ އެވެ.
އެހެންކަމުން ވިލާ ކޮލެޖުން ވަނީ ކައިރި މުސްތަގުބަލެއްގައި މި ދެ ދާއިރާއަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފަ އެވެ.
"ވިލާ ކޮލެޖް ސްކޮލާޝިޕް ސްކީމް 2016" ގެ ދަށުން ފައުންޑޭޝަނަށް އެއް އެޕްލިކޭޝަން އަދި ޑިގްރީއަށް 10 އެޕްލިކޭޝަން ލިބުނު އިރު މާސްޓާސް އަށް ކިޔެވުމަށް އެދި 19 އެޕްލިކޭޝަން ވަނީ ހުށަހަޅާފަ އެވެ.
ސްކޮލާޝިޕް ސްކީމްގެ ދަށުން ހުޅުވާލި 10 ފުރުސަތުގައި ސްކޮލާޝިޕް ހާސިލް ކޮށްފައި ވަނީ ފަސް ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އޯޕަން ކެޓަގަރީން ސްކޮލާޝިޕް ހާސިލް ކުރި ހަތަރު ދަރިވަރުންނާއި އެލުމްނައި ކެޓަގަރީން ސްކޮލާޝިޕް ހާސިލް ކުރި ދަރިވަރެކެވެ.
ސްކޮލާޝިޕް ދީފައި ވަނީ އެކަމަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ކުދިންނަށެވެ.
ޖުމްލަ ފަސް ލައްކަ ރުފިޔާގެ ސްކޮލާޝިޕް ސްކީމަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ އިންޓޭކް އަށް އެކަނި ކަމަށް އެ ކޮލެޖުން ބުނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އަލަށް އިންތިހާބުވި ބޯޑާއި އެކު ވިލާ ކޮލެޖް ސްޓުޑެންޓް އެސޯސިއޭޝަންވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ. އަދި ސްޓުޑެންޓް އެސޯސިއޭޝަންގެ ލޯގޯ ތައްޔާރު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވަނަ ހޯދި ދަރިވަރަށްވެސް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ.