16 Jan 2016, 19:24
އިރުގެ އަވިން ލިބޭ ހަކަތައިން ޗާޖްކުރާ، ބެޓްރީ ބައިސްކަލްތަކެއް އެންވަޔަރަންމެންޓް މިނިސްޓްރީން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ( އީޕީއޭ) އަށް ދީފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީޕީއޭއާ ބައިސްކަލްތައް ހަވާލުކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް އެވެ. އަދި އީޕީއޭގެ ފަރާތުން ބައިސްކަލްތަކާ ހަވާލުވެވަޑައިގެންނެވީ އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބުރާހީމް ނައީމެވެ.

ބައިސްކަލްތައް ހަވާލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވީ، މިއަދު ހަވާލުކުރި ބައިކްތަކަކީ ޖަރުމަނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި ޕްރޮގްރާމެއްގެ ދަށުން ލިބުނު ބައިސްކަލްތަކެއް ކަމަށެވެ.
"...ބެޓްރީ ބައިކްސް ނޫނީ ޗާޖިން ބައިކްސް މީ. ބެޓްރީ ބައިކްތައް ޗާޖްކުރަނީ ސޯލާ ޕަވާ ބޭނުންކޮށްގެން،" ބައިސްކަލްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަށުތެރޭގައި ހިނގާ އެކި ކަންތައްތައް ބެލުމަށް ދަތުރުކުރުމަށް އީޕީއޭއިން ކުރިން ބޭނުންކުރަމުން އައީ ސައިކަލް ކަމަށާއި އެފަދަ ދަތުރުތައް ކުރުމަށް ތެލަށް ކުރަމުން ދިޔަ ހަރަދު ، ބައިކްތައް ލިބުމުން ކެނޑިގެންދާނެ ކަމަށެވެ.
"... ކުރިއަށް އޮތް ތަނުގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އެކި ކުންފުނިތަކުން ވެސް އެބޭފުޅުންގެ، ރަށުތެރޭގައި ހުންނަ މަސައްކަތްތަކަށް ވީހާވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިކަހަލަ ބައިސްކަލާއި ކާރާ މިކަހަލަ އެއްޗެހި ބޭނުންކޮށްފި ކަމަށް ވަންޏާ، އަޅުގަނޑުމެން ތެލަށް ކުރާ ހަރަދުވެސް ކުޑަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ވެހިކަލްތަކުން އަރާ ދުމަކީ ވެސް މާލޭގައި ބޮޑު މައްސަލައަކަށް ވެފައިވާ ކަމެއް ކަމަށާއި މިފަދަ ބައިސްކަލްތައް ބޭނުން ކުރުމުން ދުމުގެ އަސަރުވެސް ކުޑަކުރެވޭނެ ކަމަށް ތާރިގު ވިދާޅުވިއެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބުރާހީމް ނައީމް ވިދާޅުވީ، އީޕީއޭގެ ފަރާތުން މާލެ ތެރޭގައި ގިނަ ދަތުރުތަކެއް ކުރަން ޖެހޭ ކަމަށާއި މިހާތަނަށް އެ ދަތުރުތައް ކުރަމުން އައީ ސައިކަލްގައި ކަމަށެވެ. އަދި އޭގެ ބަދަލުގައި ބެޓްރީ ބައިސްކަލްތަކެއްގައި އެ ދަތުރުކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"... އަޅުގަނޑުމެންގެ ގައުމު ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރާ މަސައްކަތާ އަދި ކާބަން މަދު ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ. އެހެންވީމާ އަޅުގަނޑުމެން ވަރަށް އުފާކުރާ ކެމެއްމީ،" ނައީމް ވިދާޅުވިއެވެ.