ޓައިޕޭ (ޖެނުއަރީ 16):މިއަދު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައި، ޓައިވާނުގެ ސަރުކާރާ އިދިކޮޅު ޑިމޮކްރަޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ލީޑަރު، ސައި އިންގް ވަން އެގައުމުގެ ފުރަތަމަ ރައީސާއަކަށް ހޮވި ވަޑައިގެންފި އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ޓައިވާނުގެ ވެރިކަން ކުރާ ޕާޓީ ކުއޯމިންޓާންގު (ކޭއެމްޓީ)ގެ ފަރާތުން ވާދަކުރެއްވި އެރިކް ޗޫ ވަނީ ބަލި ގަބޫލު ކުރައްވައި ސައި އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މީގެ ކުރިން ޓައިވާނަކީ ޗައިނާގެ ޖަޒީރާއެކެވެ. ނަވާރަސަތޭކަ ސާޅީސް ނުވައެއްގައި ޓައިވާނުގައި ވަކި ވެރިކަމެއް އުފެދުމަށް ފަހުވެސް ޗައިނާއިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ގަދަ ބާރުން ޗައިނާގެ ދަށަށް ޓައިވާން ގެންދާނެ ކަމަށްވެސް މީގެ ކުރިން ޗައިނާއިން އިންޒާރު ދީފައިވެ އެވެ.

ޑީޕީޕީ އަކީ ޓައިވާން މިނިވަން ދައުލަތަކަށް ހެދުމަށް ތާއިދު ކުރާ ޕާޓީއެކެވެ. ނަމަވެސް، ސައި އިންގް ވަން ވިދާޅުވީ، އެކަމަނާ އަށް ވެރިކަން ލިބިވަޑައިގަތަސް ޗައިނާއާއި ޓައިވާނާ ދެމެދު އޮންނަ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މީގެ ކުރިން ގާނޫނީ ޕްރޮފެސަރެއްގެ މަގާމު އަދާކޮށްފައިވާ ސައި އިންގް ވަން ޑީޕީޕީގެ ޗެއާމަންއަށްވެ ވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން އެ ޕާޓިއަށް ވަނީ ސަރަހައްދީ ފެންވަރުގައި ގިނަ ބަޔެއްގެ ތާއީދު ލިބެންފަށައިފައެވެ. (ބީބީސީ)