އޮފީސް ނިންމާލުމަށް ފަހު ގެއަށް ދާ މަގުމަތީގައި އާންމުކޮށް ކާރެއް ނުވަތަ ޕިކަޕެއްގެ ދަށުން އިންސާނެއްގެ ހަށިގަނޑުގެ އެއްބައި ނުކުމެފައި އޮންނަ މަންޒަރު ފެނެ އެވެ. ކައިރީގައި އެ އުޅަނދުގެ ބައެއް ބައިތަކާ އަދި އުޅަނދު މަރާމާތު ކުރުމަަށް ބޭނުންވާ ބައެއް ސާމާނުވެސް ބަހައްޓާފައި ހުރެ އެވެ.

މަގުމަތީގައި ކާރެއްގެ ދަށަށް ވަދެ ކުރެވެމުންދަނީ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތެވެ. އުޅަނދު މަރާމާތު ކުރަން ދޫކޮށްފައި ހުންނަ ގަރާޖުތައް ވެސް ނެތީކީ ނޫނެވެ. ކާރު މަރާމާތު ކުރުމަށް ބާއްވާފައި އޮންނަނީ ގަރާޖުގެ ކުރިމަތީގަ އެވެ.

މިކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ އެވެ. ކާރު ދަށުގައި އޮންނަ މީހާއަށް ބަލަން ޖެހެނީ ދުއްވާ މީހުންނެވެ. މާލޭގެ މަގުތަކުގެ ހާލަތަށް ބަލާ އިރު، ހިނގާ ބިނގާވެ އުޅެން ވަނީ ދަތިވެފަ އެވެ. މަގުތަކުގެ އަޑިގުޑަންތައް އެހާ ގިނަ އެވެ. މަގުތައް ފުރި ބާރުވާ ވަރަށް ދުއްވާ އެއްޗެހި މިވަނީ ގިނަވެފަ އެވެ. ދުއްވާ އެއްޗެހި ގިނަވި އިރު މަގުތައް މިވަނީ މިހާރު ކުޑަވެފަ އެވެ. މަގުގެ އެއް ފަރާތުގައި ސައިކަލްތައް ޕާކު ކޮށްފައި ހުންނަ އިރު، އެ މަގުން ބޮޑެތި ލޮރީތަކާ ކާރުތަކަށް ދަތުރު ކުރުމަކީ އުނދަގޫ ކަމެކެވެ.

މިފަދަ މައްސަލަތައް ބޮޑުވެފައިވާ އިރު މަގުތައް ބްލޮކް ވާގޮތަށް ކަންކަން ކުރާ ނަމަ ޓްރެފިކްގެ ބާރު ކުޑައެއް ނުކުރެވޭނެ އެވެ.

"މާޑު ގަރާޖު ކުރިމަތިން ދުއްވުން އެއީ ވަރަށް ރުޅި ގަދަވާ ކަމެއް. އެކަމަކު އެ މަގުން މި ދާން ޖެހެނީ ކޮންމެ ދުވަހަކު ވެސް. އެތަނުން ދާއިރު މަގުމަތީގައި މަސައްކަތެއް ނުކުރާ ހަމަ އެންމެ ފަހަރެއް ވެސް ނުދާނެ. ދެން މި ޖެހެނީ މަޑުކޮށްގެން އިންނަން. ކިހާ ދެރަ މައްސަލައެއް މީ،" ގަރާޖުތަކާ ގުޅިގެން ސުވާލު ކޮށްލުމުން އަލީ އިބްރާހިމް ބުންޏެވެ.

ގަރާޖެއްގެ ކުރިމަތީގައި މަރާމާތަށް ގެނެސްފައިވާ ބައެއް އުޅަނދު އަތުރާފައި -- ސަން ފޮޓޯ

ތެދެކެވެ. މިއީ ބޮޑު މައްސަލައެކެވެ. އަދި ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެކެވެ. ވަޑާންގެ، ގަރާޖު، ވޯކްޝޮޕް ފަދަ ތަންތަނާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި "ވަޑާންގެ، ގަރާޖު، ވާރކްޝޮޕްތަކުގެ އިމާރާތުން ބޭރުގައި(މަގުމަތީގައި)މަސައްކަތް ކުރުމަކީ މަނާކަމެއް" ކަމުގައި ކަނޑައެޅި ބަޔާންކޮށްފައި އެބަ އޮތެވެ.

ހަމައެއާކު ދާދިފަހުން ހައުސިން މިނިސްޓްރީން މިވަނީ މަގުމަތި އަދި ހުސްބިންތަކުގައި ތަކެތި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އަންގާފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މިހާރަކަށްއައިސް އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން ގެންނަ ލަކުޑީގެ ބާވަތްތަކާއި، ދަގަނޑާއި ހިލަވެލި އަދި ވިޔަފާރި މުދަލާއި އެހެނިހެން ތަކެތި އެ މިނިސްޓްރީގެ ހުއްދަ ނެތި ގަވާއިދާ ހިލާފަށް މަގުމަތީގައާއި ހުސްބިންތަކުގައި ބަހައްޓަމުން ގެންދާ ކަމަށެވެ.

އެހެންކަމުން މަގުމަތީގައި ބަހައްޓާ ތަކެތި ހައުސިން މިނިސްޓްރީން ނެގުމުން އެތަކެތި އަނބުރާ ވެރިފަރާތާ ހަވާލު ކުރެވޭނީ އެ މިނިސްޓްރީން ކުރި ހަރަދު ދެއްކުމުން ކަމަށް ވަނީ އަންގާފަ އެވެ.

ގަރާޖު، ވަޑާންގެ ފަދަ ތަންތަނަކީ ވެސް ވިޔަފާރި އެކެވެ. ވީއިރު އެ އުސޫލު އެފަރާތްތަކަށް ވެސް ހިނގަން ޖެހޭނެ އެވެ.

ވަޑާންގެ، ގަރާޖު، ވޯކްޝޮޕް ފަދަ ތަންތަނާ ބެހޭ ގަވާއިދުގެ ފަހެއް އަދި ހަ ވަނަ މާއްދާގައި ވެސް މަރާމާތުކުރަން ގެންނަ ތަކެއްޗާއި ނިންމާ ތަކެތި، މަގުމަތީގައި އަތުރާފައި ބެހެއްޓުމަކީ މަނާކަމެއް ކަމަށާއި ވަޑާންގެއަށް ގެންނަ ލަކުޑި، ފިލާ ފަދަ ތަކެތި އިމާރާތުން ބޭރުގައި (މަގުމަތީގައި) ބެހެއްޓުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ގާނޫނެއް ހެދިޔަސް އެ ގާނޫނެއް ތަންފީޒު ނުކުރެވޭ ނަމަ އޭގެ އެއްވެސް މާނައެއް ނެތްކަމުގައި ބުނަން ޖެހެނީ މިފަދަ ކަންކަމުގެ ސަބަބުންނެވެ. ހަމަގައިމުވެސް މާލޭގައި މަގުމަތީގައި މަސައްކަތެއް ނުކުރާ ގަރާޖެއް މަދުވާނެ އެވެ. ޓަޔަރުތަކާއި އެއްޗެހި މަގުމަތީގައި ވެސް ބަހައްޓާފައި ހުއްޓާ ފެނެ އެވެ. މަރާމާތު ކުރުމަށް ގެންނަ ސައިކަލުތަކާ ކާރުތައް ވެސް ހުންނަނީ މަގުމަތީގައި އަތުރާފަ އެވެ.

މާލޭގެ ގަރާޖެއްގެ ކުރިމަތީގައި އެއްޗެހި ބަހައްޓާފައި-- ސަން ފޮޓޯ

މިކަމުގެ ސަބަބުން އުނދަގޫ ވަނީ ހަމައެކަނި ދުއްވާ ފަރާތްތަކަކަށް ނޫނެވެ. ހިނގާ މީހުންނަށް ވެސް އިންތިހާއަށް އުނދަގޫވެ އެވެ. މާލޭގެ ޕޭވްމަންޓެއްގެ މަތިން ދެ މީހަކަށް އެކުގައި ހިނގާނުލެވެ އެވެ. ވީއިރު ގަރާޖުތަކުގެ ކުރިމަތީގައި ޓަޔަރު ތަކާއި އެނޫން އެއްޗެހި އެގޮތަށް އަތުރާފައި ހުރުމުން ކުރިމަތި ވަނީ އިތުރު އުނދަގޫ ތަކެކެވެ.

"އެއިން ތަނެއްގެ [ގަރާޖެއްގެ] ކުރިމަތިން ދަންޏާމު ޖެހޭނީ ޕޭމަންޓުން ފައިބައިގެން މަގުން ހިނގާފައި ދާން،" މެދު އުމުރުގެ އަންހެނަކު ބުންޏެވެ.

އޭގެ އިތުރުން އުޅަނދު ޕާކު ކުރުމަށް ވެސް އެހާ އުނދަގޫ ވެއެވެ. މާލޭގައި ދުއްވާ އުޅަނދުތަކާ އެކަށީގެންވާ ވަރަށް މާލޭގައި ޕާކު ކުރާނެ ޖާގަ ނެތް ވާހަކަ ވެސް މިއީ ދައްކާ ކޮޅުން ނުލި ވާހަކަ އެކެވެ. ކަން މިހެން އޮއްވާ، ގަރާޖުތަކުގެ މަސައްކަތް މަގުމައްޗަށް ނުކުތުމުން، ޕާކިން ޒޯންތައް އިތުރަށް ފުރި ބާރުވެ އެވެ. ޕާކު ކުރާނެ ތަންކޮޅެއް ނެތިގެން އެތައް ބަޔަކަށް ސަރަހައްދު ވަށާ ބުރުޖަހަން ޖެހެ އެވެ. އެންމެ ފަހުން ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުން ގަވާއިދާ ހިލާފަށް ޕާކު ކޮށްލަނީ އެވެ. އަނެއް ދުވަހު އޮފީހަށް ދާން ނުކުންނަ އިރު ސައިކަލު މަޑީގައި މި އޮންނަނީ ވަރުގަދަ ސްޓިކާއެއް ޖަހާފަ އެވެ.

މިއީ މި ކުޑަ މާލޭގައި އާންމުކޮށް ކަން ހިނގާ އުސޫލެވެ. އެކަށީގެންވާ ގޮތެއްގައި ކަންކަން ބެލި ފިޔަވަޅު އެޅޭ ނަމަ މިގޮތަށް ކަންތައްތަކެއް ނުދާނެ އެވެ.

ފިޔަވަޅު ނާޅާ ކަމެއް ވެސް ނޭނގެ އެވެ. ގަރާޖުތަކާ ވަޑާންގެތަކުގެ މަސައްކަތް ބަލަހައްޓަނީ ކޮން ބައެއްކަމެއް އަދި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާނަމަ ފިޔަވަޅު އަޅަނީ ކޮން ބައެއްކަމެއް ވެސް ސާފެއް ނުވި އެވެ. ހައުސިން މިނިސްޓްރީ އާއި ފުލުހުންނާ ޓްރާންސްޕޯޓް އޮތޯރިޓީ އާވެސް ވާހަކަ ދެއްކުމުން މިއިން ކަމަކާ "ބެހޭ" ބޭފުޅަކާ ދިމާވާ ގޮތެއް ނުވި އެވެ.

ކޮންމެ ގޮތެއްވިޔަސް، އާންމުން ދިރިއުޅޭ ހިސާބުތަކުގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގުމަކީ އެންމެނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. ގަރާޖާއި ވޯކް ޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރަން އެބަ ޖެހެ އެވެ.

މި އުނދަގުލުން ސަލާމަތްވާނެ ކަމުގެ އުންމީދެއް މިހާރު ވަނީ ފެނިފަ އެވެ. ހުޅަނގު ދެކުނު ހާބަރުގެ ކަންމަތީގައިވާ ބައިގެ ބޭރު ތޮށި ނެގުމަށް ފަހު، އެ ސަރަހައްދު އިތުރަށް ބޭރަށް ޖައްސާފައި އެ ދިމާލުން ހަތަރު ހެކްޓަރުގެ ބިން ހިއްކައިގެން "އިންޑަސްޓްރިއަލް ރަށެއް" ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން މިވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބިން ހިއްކުމަށް ފަހު އުޅަނދުތައް ރިޕެއާ ކުރުމާއި މާލޭގައި ހިންގާ، ސިއްހަތަށް ގެއްލުންވާ މެޓަލް ވޯކްޝޮޕް ކަހަލަ މަސައްކަތްތައް އެ ސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ. އޭގެ އިތުރުން، މާލޭގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނު މަގުމަތީގައި ބަހައްޓަން ޖެހުމުގެ ސަބަބުން މަގު ބަންދުވާ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވާހަކަ ދެއްކި ދާނެ އެވެ. ކުރެހުންތަކެއްވެސް ދެއްކި ދާނެ އެވެ. ނަމަވެސް ހިތާމައަކީ ނަތީޖާއެއް ނުނުކުންނާތީ އެވެ. މާލޭގެ ހުރިހާ ވޯކްޝޮޕްތަކާއި ގަރާޖުތައް ތައިސޭ ކޮއްޓަށް ބަދަލުކުރުމަށް ވެސް ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. ނަމަވެސްވީ ކަމެއް ނެތެވެ.

ވީމާ، ގަރާޖާއި ވޯކް ޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ގެންދިއުމުގެ ދުވަސްވީ ވާހަކައަށް މިފަހަރު ސަރުކާރުން ނިމުމެއް ގެނެސްދޭނެ ކަމީ ރައްޔިތުން ކުރާ އުންމީދެކެވެ. ސަރުކާރަކީ ހުސް އަނގަތަޅާ ބައެއް ނޫން ކަމަށާއި ސަރުކާރުން ކުރަނީ މަސައްކަތް ކަމަށް ބައެއް އިސް ވަޒީރުން ވިދާޅުވާ އިރު ގަރާޖުތަކާ ގުޅިފައިވާ ހުސް ވާހަކަތައް ވެސް އަމަލީ ގޮތުން މަސައްކަތަކަށް ބަދަލުވެގެން ދާނެ ކަމަށް އުންމީދު ކުރެވެ އެވެ.