17 Apr 2011, 16:48
ޑައިވިންއަށް ގޮސްއުޅެނިކޮށް ނޭވާލާ ނިޒާމް މައްސަލަޖެހިގެން މަރުވި ގދ. ފަރެސްމާތޮޑާ، އަތިރީގެ، މުހައްމަދު ޝާހީންގެ، 26، މަރާމެދު ގދ. ވާދޫ ހޮސްޕިޓަލުގެ ޑޮކްޓަރަކު އިހުމާލްވެފައިވޭތޯ އަޕާ ސައުތު ހެލްތު ކޯޕަރޭޝަނުން ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ.
އެ ކޯޕަރޭޝަންގެ ފަރާތުން ސަން އަށް މައުލޫމާތު ދެއްވި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރު ޖީޒާ ހަސަން މިއަދު ވިދާޅުވީ އިއްޔެ ހަވީރު ޑައިވިންއަށް ގޮސްއުޅެނިކޮށް ނޭވާލާ ނިޒާމަށް މައްސަލަދިމާވުމުން ވާދޫ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ޑޮކްޓަރުގެ ހުއްދައާއެކު އެ އަތޮޅު ފަރެސްމާތޮޑާއަށް ގެންދަނިކޮށް މަރުވި، ޝާހީންގެ މަރާ ގުޅިގެން ، ޝާހީން ބެއްލެވި ޑޮކްޓަރު އިހްމާލެއް އެކަމުގައި އޮތްތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު އާއިލާގެ އެދުމުގެ މަތިން ލޯންޗެންގައި، ޝާހީން ފަރެސްމާތޮޑާއަށް ގެންދިއުމަން ޑޮކްޓަރު ހުއްދަދެއްވި ދިނުމަކީ ރަގަނޅު ނިންމުމެއްތޯ ބަލަމުން އަންނަ ކަމަށް ޖީޒާ ވިދާޅުވި އެވެ.
ވާދޫން ފަރެސް މާތޮޑާއަށް ކުރި ދަތުރު ދިގުމިނަކީ 15 މިނެޓެވެ. ދަތުރުކޮށްފައި ވަނީ ސްޕީޑް ލޯންޗެއްގަ އެވެ.
"އިންޓާނަލީ އަޅުގަނޑުމެން ބަލަމުން މިދަނީ ޑޮކްޓަރުގެ ނިންމުން ރަގަނޅުތޯ، ނޫންތޯ. ދެން މެޑިކަލީ އެޕްރޫވް ކުރަންޖެހޭނީ. އެކަން އަޅުގަނޑުމެން އިންވެސްޓިގޭޓިވް ކުރަމުން މިދަނީ،" ޖީޒާ ވިދާޅުވި އެވެ.
ޖީޒާ ވިދާޅުވީ ޝާހީން ފަރެސްމާތޮޑާއަށް ގެންދަން ދަތުރަށް އެރިއިރު ހިތުގެ ވިންދު ވެސް އާންމުކޮށް ރަގަނޅު ކަމަށް ޑޮކްޓަރު ވިދާޅުވާ ކަމަށާއި ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަރުވާން ދިމާވި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ދިން ޝާހީންގެ އާއިލާގެ މެންބަރަކު ބުނީ ޝާހީން ފަރެސްމާތޮޑާއަށް ގެންދަން ނިންމީ ވާދޫ ހޮސްޕިޓަލުން އެކަށީގެންވާ ވަރަށް ފަރުވާ ނުލިބުމުން ކަމަށެވެ. އެގޮތުން ޝާހިން ހޮސްޕިޓަލުގައި އޮތް އިރު، އޭނާއަށް އޮކްސިޖަން ދޭވޭނެ ނިޒާމެއް ނެތް ކަމަށް ވެސް ބުންޏެވެ. ނަމަވެސް އަޕާ ސައުތު ހެލްތު ކޯޕަރޭޝަނުން އެކަން ދޮގުކުރެ އެވެ. އެ ކޯޕަރޭޝަނުން ބުނީ ވާދޫ ހޮސްޕިޓަލުގައި އޮކްސިޖަން ދޭނެ ފުޅި ހުރި ކަމަށާއި ޝާހީން ފަރެސް މާތޮޑާއަށް ގެންދިއައީ އޭނާއަށް އިތުރު ފަރުވާ ދޭން އައްޑުއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.