ކުދި އަދި މެދު ފަންތީގެ ފިޔަފާރި ތަރައްޤީ ކުރުމަށް ސަރުކާރުން ދޫކުރާ ލުއި ލޯން ސްކީމަށް އެދި 113 ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި ޕްރޮޕޯޝަލްތައް އިވެލުއޭޓް ކުރުމަށް ފަހު މި މަހުގެ ނިޔަލަށް ލޯން ލިބޭ ފަރާތްތައް އިޢުލާންކުރާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓުން ބުނެފި އެވެ.

އެމިނިސްޓްރީ އިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯން ދިނުމަށް މިދިޔަ މަހު 1 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އެ މަހުގެ31ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

ލުއި ލޯން ދޫކުރުމަށް ހަމަޖައްސާފައި ވަނީ ޓޫރިޒަމްގެ ދާއިރާ އާއި އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހުށަހެޅިފައިވާ ޕްރޮޕޯޝަލްތަކެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި މި މަހުގެ ނިޔަލަށް އެމަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ލުއި ލޯން ދިނުމުގެ ސްކީމެއް ފަށާފައި ވަނީ 2009 ގަ އެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށި އެސްކީމްގެ ދަށުން މިހާތަނަށް ތިން ބުރެއްގެ މަތިން 18.8 މިލިއަން ރުފިޔާގެ ލުއި ލޯން އެކިފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.