16 Jan 2016, 17:47
ކަރާކަސް (ޖެނުއަރީ 16):ވެނެޒުއޭލާގެ އިގުތިޞާދު ދަށްވަމުން ދިޔުމުގެ ސަބަބުން އެގައުމުގައި 60 ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ކުއްލި ހާލަތު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ވެނެޒުއޭލާގެ އިގުތިސާދު 4.5 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ގައުމުގެ ސެންޓްރަލް ބޭންކުން ނެރުނު ހިސާބުތަކުން ދައްކާފައި ވަނިކޮށެވެ.
އިގްތިސާދީ ގޮތުން ކުއްލި ހާލަތު އިއުލާން ކުރުމުން އެގައުމުގައި ޓެކްސް ދައްކަންޖެހޭ މިންވަރު އިތުރުވާނެ އެވެ. އަދި ވެލްފެއާ އާއި ކާނާ އެތެރެ ކުރުން މަދުކުރެވޭނެ އެވެ. މީގެ އިތުރުން ގައުމުގެ ވިޔަފާރިތަކުގެ މައްޗަށް ވެނެޒުއޭލާގެ ސަރުކާރަށް ބާރުފޯރުވޭނެ އެވެ.
ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ގައުމެވެ. ނަމަވެސް ތެލުގެ އަގު ފާއިތުވި 18 މަސްތެރޭގައި ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އެގައުމުގެ ރެވެނިއު ވަނީ 60 ޕަސެންޓު ދަށްވެފަ އެވެ. (ބީބީސީ)