މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ "ބަޖްރަންގީ ބައިޖާން" އަކީ ބެލުުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ގިނަ ބަޔަކު ތައުރީފު ކުރި، ހާއްސަކޮށް ފިލްމު އިންޑަސްޓްރީގެ އެތައް ބައެއްގެ ތައުރީފު އޮހުނު އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

އެހެންނަމަވެސް ރޭ މުމްބާއީގައި ބޭއްވި 61 ވަނަ ފިލްމުފެއާ އެވޯޑުގައި ބަޖްރަންގީ ބައިޖާން އަށް ލިބިފައިވަނީ އެންމެ އެވޯޑެކެވެ. އެ ފިލްމަށް އެވޯޑު ލިބިފައި ވަނީ އެންމެ މޮޅު ވާހަކައިގެ ކެޓަގަރީ އިންނެވެ.

މިހާތަނަށް އައި އިރު، އެންމެ މޮޅު ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ "ބަޖްރަންގީ ބައިޖާން" އަށް ރޭގެ ހަފްލާގައި އެންމެ އެވޯޑެއް ލިބުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު އެ ހަފްލާ އަށް ފާޑު ކިޔާފައިވާ އިރު، އެއީ "ފޭކު" ހަފްލާއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޓުވީޓު ކޮށްފަ އެވެ.

"ބަޖްރަންގީ ބައިޖާން އަށް ވުރެ ރަނގަޅު ފިލްމެއް ނެތް. އެ ފިލްމު ބަލާފައި ގިނަ ބަޔަކު އުފާވި"، މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، ރޭގެ ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނު "ބާޖީރާއޯ މަސްތާނީ" އަށް އެ އެވޯޑު ދޭން ޖަޖުންނަށް ފައިސާ ދީފައިވާ ކަމަށް ވެސް އެއް ބަޔަކު ވަނީ ތުހުމަތު ކޮށްފަ އެވެ.

އަދި "ބަޖްރަންގީ ބައިޖާން" އަށް އެންމެ އެވޯޑެއް ލިބުމުން، އެއީ ފިލްމު ފެއާ އެވޯޑްސް ހަފްލާގެ ފެންވަރު ދަށް ކަމުގެ މިސާލެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ބަޖްރަންގީ ބައިޖާން ޑައިރެކްޓު ކުރީ ކަބީރް ހާން އެވެ. އަދި އޭގެ ވާހަކަ ލިޔުނީ މަޝްހޫރު ލިޔުންތެރިޔާ ވިޖެޔަންދުރާ ޕުރަސާދު އެވެ.

ރޭގެ ހަފްލާގައި އެންމެ މޮޅު ފިލްމަކަށް "ބާޖީރާއޯ މަސްތާނީ" ހޮވުނު އިރު އެންމެ މޮޅު ބަތަލްގެ އެވޯޑު ވެސް ހާސިލްކޮށްފައި ވަނީ އެ ފިލްމުން ރަންވީރު ކަޕޫރެވެ. ރޭގެ ހަފްލާގައި އެކިއެކި ކެޓަގަރީތަކުން އެ ފިލްމަށް ނުވަ އެވޯޑު ލިބިފައިވެ އެވެ.